އދ. ދިގުރަށް ކައިރިން، ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން 15 އަހަރުގެ ބިދޭސީ އަންހެން ކުއްޖަކު މަރުވި މައްސަލަ ބެލުމަށް ސިންގަޕޫރުގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އދ. ދިގުރަށް ކައިރީގައެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ރަށަށް ވޭލް ޝާކް ރިސާޗް ސްޓަޑީ ޓުއަރެއްގައި ގޮސް އުޅުނު ޓީމެއްގައި ހިމެނޭ 15 އަހަރުގެ ސިންގަޕޫރު ދަރިވަރަކު ދޯނިން ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަޚަމްވެގެން ސިއްޙީ މަރުކަޒަށް ގެންގޮސްފައިވެއެވެ.
ސިއްޙީ މަރުކަޒުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ކުއްޖާ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާ ބެލުމަށްޓަކައި ސިންގަޕޫރުގެ ޓީމެއް މިހާރު ވަނީ ރާއްޖެ އައިސްފައެވެ. އަދި ނިޔާވި ދަރިވަރުގެ ޢާއިލާއާއި ސްކޫލުގެ ބައެއް އިސްވެރިންވެސް ރާއްޖެ އައިސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލަ ތަޙްޤީޤުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މިހާތަނަށް އިތުރު މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

