ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގެއަށް ބަދަލުކޮށްދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު މުހައްމަދު ކުރެއްވި މެސެޖުތައް، އޭނާގެ އަތުގައި އެބަހުރި ކަމަށް އެމްއެފްއެމްސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނާޒިމް އަބޫބަކުރު (ހެރިންސް އައްމަޑޭ) ވިދާޅުވެއްޖެއެވެ.
ހެރިންސް މިހެން ވިދާޅުވެފައިވަނީ ޕީއެންއެފް އޮފީހުގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނު ޖަލުން ނުނިކުންނާނެކަން ކަށަވަރު ކުރުމަށާއި ގެއަށް ބަދަލު ކުރުމަށް ދެކޮޅު ހެއްދެވީ ރައީސް ޑރ. މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ.
"އެހެންވީމަ މި މީހުން ދައްކާ ވާހަކަ، މި މީހުން ހިތަށް މި އަރަނީ ރައްޔިތުންނަކަށް ނޭނގެއޭ. ހައި ކޯޓުގައި މައްސަލަ ނިންމިޔަ ނުދޭން މަސައްކަތްކުރީ އަޅުގަނޑު ޕާޓީގެ މީހުން. މިއަކަށް ނުކެރޭނެ ރައްދު ދޭކަށް އެމީހުންނަކަށް،" ޖަލްސާގައި ޔާމީން ވިދާޅުވިއެވެ.
މި ވާހަކަފުޅަށް ރައްދު ދެއްވަމުން ހެރިންސް އައްމަޑޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޔާމީން ދެއްކެވީ ކަނޑައެޅިގެން ބުހުތާން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޔާމީން ޖަލުން މިނިވަން ކުރަން އަދި ގެއަށް ބަދަލުކޮށް ދިނުމަށް އެދި ރައީސް ޑރ. މުއިއްޒު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެއްވި މެސެޖްތައް އޭނާގެ އަތުގައި އެބަހުރި ކަމަށް ވެސް ހެރިންސް އައްމަޑޭ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު، ފުރަތަމަ ފަހަރަށް މީޑިއާ އާއި އާންމުންނާ މުހާތަބު ކުރައްވައި މީރުމާ ހޮޓަލުގައި ދެއްކެވި ވާހަކަފުޅުގައި އޭރުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޑރ. މުއިއްޒު އެންމެ ފުރަތަމަ ސޯލިހަށް ގޮވާލެއްވީ ޔާމީން ޖަލުން ގެއަށް ބަދަލު ކުރެއްވުމަށެވެ.
"އަޅުގަނޑު މި ދަނޑިވަޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް. އެމަނިކުފާނު ގެއަށް ބަދަލުކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް. އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ގޮތް،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޑރ. މުއިއްޒު ވަނީ އޭރުގެ ރައީސް ސޯލިހާ އެކުގައި ރައީސް އޮފީހުގައި ވެސް ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޔާމީންގެ މައްޗަށް ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމުން އެ މަނިކުފާނު ގެއަށް ބަދަލުކޮށްދޭން އެދި ޕީޕީއެމްގެ ލީޑަޝިޕްގެ އެކި ބޭފުޅުން އޭރުގެ ސަރުކާރަށް އެކި ޕްލެޓްފޯމުތަކުގައި ގޮވާލާފައިވެއެވެ. އަދި އެމަނިކުފާނުގެ ހައްގުގައި މާލޭގައި މުޒާހަރާ ވެސް ކުރިއެވެ. ބައެއް މުޒާހަރާތަކުގައި ރައީސް ޑރ. މުއިއްޒު ވެސް ހައްޔަރުކުރިއެވެ.
މި މައްސަލައިގައި ރައީސް ޔާމީންއާއި ރައީސް މުއިއްޒުގެ ބަސްތައް ތަފާތުވެފައިވާއިރު، ދެ ފަރާތުން ވެސް އެއްބަސްވާ ކަމަކީ ރައީސް ޔާމީން ޖަލުގައި ހުންނެވި މުއްދަތުގައި އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމެވެ. ނަމަވެސް މި މައްސަލައިގައި ދެ ފަރާތުގެ ބަހުގެ ތަފާތު ބޮޑުކަން ފާހަގަކުރެވެއެވެ.

