ރާއްޖެއިން ބޭރުން އަންނަ 18 އަހަރުން މަތީގެ ފަތުރުވެރިންނަށް ރާއްޖެ އެތެރެކުރެވޭނެ ދުންފަތުގެ ބާވަތްތަކުގެ އަދަދަށް ސަރުކާރުން ބަދަލު ގެނެސްފިއެވެ. މިގޮތުން ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދަށް ހަތަރުވަނަ އިސްލާހު ގެނެސް، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އެތެރެކުރެވޭނެ ސިނގިރޭޓުގެ އަދަދު 200 އަށް ކަނޑައަޅާފައިވެއެވެ.
މި އައު ގަވާއިދުގެ ދަށުން، ފަތުރުވެރިންނަށް 200 ސިނގިރޭޓުގެ އިތުރުން ގިނަވެގެން 25 ސުއްޓާ އަދި 250 ގްރާމަށްވުރެ ގިނަ ނުވާ އަދަދަކަށް އެހެނިހެން ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކުރެެކުރެވޭނެއެވެ. މި އަދަދަށްވުރެ އިތުރަށް ގެންނަ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްއިން ހިފަހައްޓާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކަސްޓަމްސްއިން ހިފަހައްޓާ ދުންފަތުގެ ބާވަތްތައް 30 ދުވަހުގެ މުއްދަތަކަށް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓޭނެއެވެ. މި މުއްދަތުގެ ތެރޭގައި އަނބުރާ ނުގެންގޮސްފިނަމަ، އެ ތަކެތި ނައްތާލެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ހެލްތް މިނިސްޓްރީގެ މިންގަނޑުތަކާ ޚިލާފު އެއްވެސް ދުންފަތުގެ ބާވަތެއް ރާއްޖެ އެތެރެކުރާނަމަ، އެ ތަކެތިވެސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ

