އައްޑޫ ސިޓީގެ ކެނެރީފް ރިސޯޓުގައި ކުރިއަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް މުބާރާތުގައި އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފު ކަންކަން ހިނގާފައިވާކަމަށް ބުނެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ބޮޑީ ބިލްޑިން ފެޑެރޭޝަނާއި ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގުޅިގެން އިންތިޒާމުކޮށްގެން ބޭއްވޭ މި މުބާރާތުގައި ދުނިޔޭގެ އެކި ގައުމުތަކުން އަންހެނުންނާއި ފިރިހެނުން ބައިވެރިވެއެވެ. މުބާރާތުގެ ވީޑިއޯ އާއި ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، މުބާރާތް ފެށިފައިވަނީ ޤުރުއާނުގެ ބަރަކާތުންކަން ފާހަގަކުރެވެއެވެ.
އެހެންނަމަވެސް، މުބާރާތުގައި ބައިވެރިވި ފަރާތްތަކުން ނިވާކަން ކުޑަ ހެދުމުގައި ހަށިގަނގައި ހަށިގަނޑުގެ ރީތިކަން ދައްކާފައިވާކަން ފެންނަން ހުރުމާއެކު، މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަދި އެހެނިހެން ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޑރ. ޝަހީމް އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، “ގައުމުގެ އިޖްތިމާއީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަގާފަތު ރައްކާތެރިކުރަންޖެހޭ. ގުރުއާން ބާވައިލެއްވުނީ ހިދާޔަތެއްގެ ގޮތުގަ” އެވެ. އަދި އެފަދަ މަންޒަރުތައް ދައްކާ ހަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް އޭނާ ވަނީ ބަޔާންކުރައްވާފައެވެ.
މީގެ އިތުރުން، ގިނަ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ވެސް ވަނީ މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. “ބިސްމި ކިޔައި ގުރްއާނުގެ ބަރަކާތުން ފަށައި ދީނުގެ ޝިއާރުތަކަށް މަލާމާތް ކޮށްފައި. މާދަމާ މިކަން ކުރާނީ ދެ ރަކުއަތް ނަމާދުގެ ބަރަކާތުންތޯ؟ މިހުންނަނީ ބަލައިގަނެވޭނެ ކަންކަމެއް ނޫން” މިފަދަ ޢިބާރާތްތަކުން ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.
މި މުބާރާތް ބާއްވައިފައި މިވަނީ ދާދި ފަހުން “މިސް ޔުނިވާސް” މުބާރާތުގައި ދިވެއްސަކު ބައިވެރިވާން ނިންމުމުން ސަރުކާރުން އެކަން ކުށްވެރިކޮށްފައިވަނިކޮށެވެ.

