މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހެލްތު ފެސިލިޓީތައް މެދުވެރިކޮށް އައުޓް ޕޭޝަންޓްގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ސިއްޙަތާއި ބެހޭ ވަޒީރާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރާ ބައްދަލުކޮށް މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި ސިއްހީ ވުޒާރާއިން މިކަމަށް އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފައިވާ ކަމަށްވެސް ލުބުނާ ފާހަގަކުރެއްވިއެވެ.
ލުބުނާ ވިދާޅުވީ މިއީ ރާއްޖޭގައި މުޅިން އަލަށް ފަށަން އުޅޭ ކަމެއް ކަމަށާއި، މަސްތުވާތަކެތީގެ މައްސަލަ ބޮޑު ރަށްރަށް ހިމެނޭ އަތޮޅު ހޮސްޕިޓަލުތައް މެދުވެރިކޮށް ފަރުވާ ފަށާނެ ކަމަށެވެ. އަދި ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭސްވެސް އެންޑީއޭ މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭހަކީ އަގު ބޮޑު ބޭހެއް. ނަމަވެސް އެއީ ދުނިޔޭގައިވެސް ދެވޭ އެންމެ ރަނގަޅު ބޭސް. މިބޭހަކީ ފަރުވާ ނަގަމުން އަންނަ މީހާއަށް އެ އަންނަ ވޭނާއި އުނދަގޫ ކަނޑުވައިދޭ ބޭހެއް،” ލުބުނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބޮޑެތި ހޮސްޕިޓަލްތަކުގައި މެޑިކޭޓަޑް އެސިސްޓަންޓް ޓްރީޓްމަންޓް ފަރުވާތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ލުބުނާ ހާމަކުރެއްވިއެވެ. މި ނިޒާމް ގާއިމުކުރެވުމުން ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ފުރުސަތު ޔަގީންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅު އެޅުމަށްވެސް އެންޑީއޭއިން ވަނީ ނިންމާފައެވެ. އަދި ރިހެބިލިޓޭޝަން ސެންޓަރުތަކުގައި ތިބެގެން ފަރުވާ ފޯރުކޮށްދޭ މީހުންވެސް އެއްބާރުލުން ނުދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ލުބުނާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ނެޝަނަލް ޑްރަގް ދިރާސާއެއް ރާއްޖޭގައި އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 2012 ވަނަ އަހަރުއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަސްތުވާތަކެތީގެ މައްސަލަ އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7500 ވަރަކަށް މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ލުބުނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މި އަދަދު މިހާރު އިތުރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

