ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ 55 ރަށުގައި 500 މީހުން ހަމަނުވާ ކަމަށާއި ދިވެހިރާއްޖޭގެ އާބާދީއާއި ތަރައްގީ އެއްފަސްކޮށްގެން މެނުވީ ހުރިހާ ދިވެހީންނަށް ބޭނުންވާ ފެންވަރު ރަނގަޅު ހިދުމަތެއް ނުދެވޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު ހާމަކުރައްވައިފިއެވެ. މިނިސްޓަރު މި މައުލޫމާތު ހާމަކުރެއްވީ ރޭ ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. ހައިދަރު ވިދާޅުވި ގޮތުގައި މާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ 186 ރަށް އޮތްއިރު، އޭގެ ތެރެއިން 55 ރަށަކީ އާބާދީގައި 500 މީހުން ވެސް ހަމަނުވާ ރަށްތަކެވެ. މިފަދަ އާބާދީ ކުޑަ ރަށްތަކުގައި އަސާސީ ހިދުމަތްތައް ވެސް އެންމެ އެކަށީގެންވާ ގޮތަކަށް ފޯރުކޮށްނުދެވޭ ކަމަށާއި، މި ރަށްތަކުގައި ތިމާވެށީގެ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ރަށް ގިރުމާއި، ވިއްސާރަވެ ފެންބޮޑުވުން ފަދަ ކަންކަން ދިމާވާއިރު އެއީ ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާ ކަންކަން،" ވަޒީރު ވިދާޅުވިއެވެ.
މި މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، ވަކި ރަށްތަކަކަށް އަމާޒުކޮށްގެން ތަރައްޤީ ގެނައުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން އާބަން ސެންޓަރުތަކެއް ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.
"އާބަން ސެންޓަރުތަކެއް ޤާއިމުކޮށް، އެ ރަށްތަކަށް ފޯކަސްކޮށް އިންވެސްޓްމަންޓްތަކެއް ގެނައުމަކީ އެންމެ ބޮޑު މަގުސަދު،" މިނިސްޓަރު ވިދާޅުވިއެވެ.
އާބަން ސެންޓަރުތައް ތަރައްޤީކުރާނީ 100,000 މީހުންނަށް ދިރިއުޅެވޭ ގޮތަށް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާން ޖެހިފައިވާ މިންވަރު މަދުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރާނެ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވާނީ އެ ރަށަކަށް ކޮށްފައިވާ އިންވެސްޓްމަންޓުތަކަށާއި، ސިއްހީ، ތައުލީމީ އަދި އުމްރާނީ އެހެނިހެން ހިދުމަތްތައް ދެވިފައިހުރި މިންވަރަށެވެ.
ޑރ. ހައިދަރު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ އާބާދީއާއި ތަރައްގީ އެއްފަސްކޮށްގެން މެނުވީ ހުރިހާ ދިވެހީންނަށް ބޭނުންވާ ފެންވަރު ރަނގަޅު ޚިދުމަތެއް ނުދެވޭނެއެވެ. މި މަޝްރޫއުގެ ދަށުން ކުދި ރަށްތަކުގެ ރައްޔިތުން ބޮޑެތި ރަށްތަކަށް ހިޖުރަކުރުމުން، އެ ހިޖުރަކުރާ ފަރާތްތަކަށާއި ހިޖުރަ ކުރެވޭ ރަށްތަކަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފަސް އަހަރު ދުވަހުގެ ތެރޭ އެ މަސައްކަތް ފަށައިގަނެގެން އަދި ދުވަސްކޮޅެއް ނަގާނެ އަޅުގަނޑު ހިތުން 100،000އާ ހިސާބަށް ފޯރަން. އެއީ މިހާރު ދެކުނުގެ ރީޖަންގައި އުޅެނީ 50،000 މީހުން. އުތުރުގައި ވެސް ހަމަ 55،000 ވަރު ގާތްގަނޑަކަށް މި އުޅެނީ. އެހެންވީމާ 100،000 ގެނެސްގެން ނޫނިއްޔާ ތަންކޮޅެއް މަތީ ފެންވަރުގެ ހިދުމަތްތައް ދޭން އުނދަގޫވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

