ދިވެހިރާއްޖޭގެ ތައުލީމަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ)، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑޮކްޓަރ މުޙައްމަދު ޒާހިރު ހުސައިނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިރޭ އަރުވައިފިއެވެ.
މި ޝަރަފު ޑޮކްޓަރ މުހައްމަދު ޒާހިރު ހުސައިނަށް އެރުވީ މިރޭ ދަރުބާރުގޭގައި ބޭއްވުނު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ރައީސުލްޖުމްހޫރިއްޔާ މި ޝަރަފު އެރުވުމަށް ނިންމެވީ، ޑރ. ޒާހިރު ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތައުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުވުމަށް އިޚްލާޞްތެރިކަމާއެކު ކޮށްދެއްވާފައިވާ ގިނަގުނަ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ޑރ. ޒާހިރުގެ ތައުލީމީ ދާއިރާގެ ހިދުމަތް ފެށިގެން އައީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން މަތީ ތައުލީމު ފުރިހަމަ ކުރެއްވުމަށްފަހު އަމީނިއްޔާ ސްކޫލުގައި މަސައްކަތް ފެއްޓެވުމާ އެކުގައެވެ. އޭގެފަހުން އެމަނިކުފާނު ވަނީ ތަޢުލީމީ ދާއިރާގެ އެކި މަގާމުތައް ފުރުއްވައި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމުވެސް ފުރުއްވާފައެވެ.
ޑރ. ޒާހިރުގެ އިސްނެންގެވުމުގެ ދަށުން 1979 ވަނަ އަހަރު ސައިންސް އެޑިޔުކޭޝަން ސެންޓަރު ހުޅުވުނެވެ. އަދި ރާއްޖޭގެ ތަޢުލީމީ މުޤައްރަރަށް ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ބަދަލުކުރެއްވުމުގެ އިތުރުން އަސާސީ ތަޢުލީމުގެ މަޝްރޫއު ހިންގެވިއެވެ.
ޑރ. ޒާހިރު ވަނީ ރާއްޖޭގެ ތައުލީމީ ވަޒީރުކަން 10 އަހަރާއި 9 މަހަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އަދި މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގެ މަގާމުތައްވެސް ފުރުއްވާފައިވެއެވެ.
ޑރ. ޒާހިރަކީ ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާކުރާ ކޮމިޓީގައިވެސް ދިގު މުއްދަތެއްގައި އެމަނިކުފާނު ހިދުމަތް ކުރެއްވިއެވެ. މީގެއިތުރުން ހުކުރުހުތުބާ ލިޔުއްވުމާއި، މާލޭގައި ހުކުރުނަމާދާއި އީދުނަމާދު އިމާމުވެ ކުރެއްވުމުގެ އިތުރުން “ދީނުގެ މަގު” ނޫހަށް އެކި މައުޟޫއުތަކަށް މަޒުމޫނުތައްވެސް ލިޔުއްވާފައިވެއެވެ.
ޑރ. ޒާހިރުގެ ހިދުމަތްތަކަށް އެކި ފަހަރު މަތިން އެކި އިނާމުތައް ލިބިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި 1989 ވަނަ އަހަރު ނޫސްވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމާއި، 1990 ވަނަ އަހަރު މިނިވަން 25ގެ އާންމު ހިދުމަތުގެ އިނާމު، އަދި ނޫސްވެރިކަމުގެ “އަލިމަސް ގަލަން” ހިމެނެއެވެ.
2001 ވަނަ އަހަރު މެލޭޝިއާއިން ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން ޕީ.އެޗް.ޑީ. ހާސިލުކުރެއްވުމާ ގުޅިގެން، ސަރުކާރުން ދެއްވާ ހާއްސަ އިނާމު ޑރ. ޒާހިރަށް ލިބިވަޑައިގެންނެވިއެވެ. ނިޝާން އިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބު އެމަނިކުފާނަށް އެރުވުނީ 10 ނޮވެންބަރު 2008 ގައެވެ.
ޑރ. ޒާހިރަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މިހާރު އެމަނިކުފާނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމު ފުރުއްވަމުން ގެންދަވަނީ 20 އޮގަސްޓް 2019 އިން ފެށިގެންނެވެ.
ޑރ. ޒާހިރު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 48 އަހަރުވެފައިވާއިރު، ތައުލީމީ ދާއިރާގައި އެމަނިކުފާނު ހިދުމަތް ކުރައްވަމުން ގެންދަވާތާ 32 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އަދި ތައުލީމީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

