ވެރިކަމަކީ ލިބޭ މާބޮޑު މޮޅެއް ނޫން ކަމަށާއި އަދި އެއީ ލިބޭ މުދާގަނޑެއްވެސް ނޫންކަމަށާއި އެއީ ވަރުގަދަ ޒިންމާއެއްކަމަށާއި އަދި މަސްއޫލިއްޔަތެއްކަމަށާއި އަމާނާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ެަެަރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އިސްލާމީ ދައުލަތެއް ގާއިމުވެ، އެދައުލަތުގެ ވެރިކަން ފެތުރި ތަނަވަސްވެ ދިއުމާއިއެކު ކީރިތި ރަސޫލާ ﷺ އަށްފަހު، އިސްލާމީ ދައުލަތުގެ އިސްމަސްއޫލިއްޔަތު އުފުލި ހުލަފާއުއްރާޝިދޫންވެސް ދެއްކެވި ނަމޫނާއަކީ އެމަނިކުފާނު އެވިދާޅުވިފަދައިން ކަމަށެވެ. ވެރިކަމަކީ ބޮޑު އަމާނާތެއް ކަން ދަނެގެން ސީދާ މަގުން ވެރިކަން ކުރެއްވީ ހުލަފާއުއްރާޝިދޫންގެ ހަލީފާއިންނަށްފަހު ވަރަށް މަދު ވެރިއަކު ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
“ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާބޮޑު މޮޅެއް ނޫން. އެއިކީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއްވެސް ނޫން. އެއާއި ޚިލާފަށް ވެރިކަމަކީ ވަރުގަދަ ޒިންމާއެއް. ވަރުގަދަ މަސްއޫލިއްޔަތެއް. ވަރަށް ބޮޑު އަމާނާތެއް،” ރައީސް
“ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމު”، އެމަނިކުފާނުގެ ލޮބުވެތި ބައްޕާފުޅު، މަރުހޫމު ފަޟީލަތުއްޝައިހު ހުސައިން އަބްދުއްރަހުމާނު ލިއުއްވާފައި ފޮޮތުގެ 157 ވަނަ ސޮފްހާގައިވާ ވާހަކަތަކަށް އިޝާރާތްކުރައްވައި، ވިދާޅުވީ ވެރިކަމާއި ގުޅޭގޮތުން އިލްމީ އަދި ދީނީ ނަޒަރަކުން އިސްލާމީތާރީހުގެ އަލީގައި އަދި ރާއްޖޭގެ ވެރިކަމާ ގުޅުވައިގެން ވަރަށް އިލްމީ އަދި ވަށާޖެހޭ ގޮތަކަށް ލިއުއްވާފައިވާ ފޮތެއް ކަމަށް ވިދާޅުވިއެވެ.
“ވެރިކަމަކީ ވަރަށް ބުރަ މަސްއޫލިއްޔަތެއް ކަމާއި، ވަރަށް ބޮޑު އަމާނާތެއްކަމާއި، ވަރަށް ވެސް ޚުތޫރަތްތެރި ޒިންމާއެއްކަން ދެނެވަޑައިގެން އެގޮތުގެ މަތިން ކަން ހިންގެވި ސީދާ މަގު. އެއްވެސް ހާލެއްގައި އެއީ ލިބިވަޑައިގެން މޮޅަކާއި ޝަރަފެއް ނޫން ކަމާއި، ލެއްގި މުދާ ދެނެވަޑައިގަތުމުގެ މަގުމެ. ޚުލަފާއުއް ރާޝިދޫންގެ ބޭކަލުންނަށްފަހު ވަރަށް މަދު ވެރިއަކު މެނުވީ މިސީދާ މަގުން ހިންގެވިފައި ނުވާކަން ތާރީޚުން އިނގޭ،” ރައީސް އެމަނިކުފާނުގެ ބައްޕާފުޅުގެ “ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް” ފޮތުގެ 157 ވަނަ ސަފުހާއަށް އިޝާރާތް ކުރައްވައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅުގެ ފޮތް ބައްލަވާފައިވާ އަދި ކިޔުއްވާފައިވާ ކޮންމެ ބޭފުޅަކު ވެސް އެފޮތަކީ ވެރިކަމާއި ގުޅޭ ގޮތުން، ރައްޔިތުންނާއި ވެރިންނާއި އޮތް ގުޅުމާއި ބެހޭ ގޮތުން މަސްއޫލިއްޔަތު ވެރިން އަދާކުރަން ޖެހޭ ގޮތާއި ބެހޭ ގޮތުން އިލްމީ ނަޒަރަކުން އަދި ދީނީ ނަޒަރަކުން އިސްލާމީ ތާރީހުގެ އަލީގައި އަދި ރާއްޖޭގެ ގާނޫނާއި ގާނޫނުއަސާސީއަށް ރިއާޔަތްކޮށް ވަރަށް އިލްމީ ގޮތެއްގައި ވަރަށް ވަށާޖެހޭ ގޮތެއްގައި ލިޔުއްވާފައިވާ ފޮތެއްކަން ގަބޫލުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެފޮތުގެ ފިހުރިސްތުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައިލުމުން އެފޮތަކީ ކޮންމެ މީހަކުވެސް ތިމަންމެންގެ ވެރިޔަކަށް މީހަކު ހޮވައިގެން އެހަވާލުކުރާ ޒިންމާ އަދާކުރަނީ ރަނގަޅަށްތޯ ބެލުމުގައި ބަލަންވީ ހުރިހާ ކަމެއްހެން ބަޔާންކޮށްފައިވާ ފޮތެއް ކަމަށެވެ. އެފޮތުގައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފާއި ބެހޭ ބާރާއި އަދިވެސް ނޫސްވެރިކަމުގެ ބާރު މިފަދަ އެތައް ވާހަކަތަކެއް ހިމެނޭ ފޮތެއްކަމަށާއި އެމަނިކުފާނުގެ ގައިޑަކީ އެމަނިކުފާނުގެ ބައްޕާފުޅުގެ އެފޮތް ކަމަށް ވެސް ވިިދާޅުވިއެވެ.
“އަޅުގަނޑުގެ ގައިޑް ބުކް އަކީ މިފޮތް. އަޅުގަނޑު މިއަދާއި ހަމައަށްވެސް ބަލަމުން އައީ މިފޮތް. އެއީ މީގައި ކީރިތި ޤުރުއާނުގެ އަލީގައި ކީރިތި ރަސޫލާ ސުންނަތުގެ އަލީގައި ދެންމެ ދެންނެވި ފަދައިން، އިސްލާމީ ތާރީހުގެ އަލީގައި އަދި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގަނޫނުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޮންޓެކްސްޓުގައި ވަރަށް ވަށާޖެހޭ ގޮތެއްގައި ބައްލަވާލައްވާފައިވާތީވެ، އަޅުގަނޑަށް މިފޮތުން ވަރަށް ގިނަ ކަންތައްތައް އެނގި ހާމަވެގެންދޭ،” ރައީސް

