ރާއްޖޭގެ ސޮވްރިސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް މިހާތަނަށް 78 މިލިޔަން ޑޮލަރު ޖަމާކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ މުއިއްޒު މި މައުލޫމާތު ހާމަކުރެއްވީ މިއަދު ބޭއްވުނު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ސޮވްރިން ފަންޑުގައި ހުރީ އެންމެ 2 މިލިޔަން ޑޮލަރު ކަމަށް ފާހަގަކުރައްވަމުން، މިހާރު އެ އަދަދު 78 މިލިޔަން ޑޮލަރަށް އިތުރު ކުރެވިފައިވާ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން، މި އަހަރު ނިމުމުގެ ކުރިން ފަންޑުގެ އަދަދު 100 މިލިޔަން ޑޮލަރަށް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައިވެސް ރައީސް ޑރ މުއިއްޒު ހާމަކުރެއްވިއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސޮވްރިން ފަންޑަށް ޖަމާކުރަނީ ބޭރުގެ ލޯނުތައް ދެއްކުމަށްޓަކައި ސަލާމަތްކުރާ ފައިސާ ކަމަށެވެ. މިކަމަކީ ރާއްޖޭގެ އިގުތިސާދީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
“2 މިލިޔަނުން 78 މިލިޔަން ޑޮލަރަށް. އޭގެ ބޭނުން އެކިފަހަރު އެކި ޕޭމަންޓްސް ހެއްދުމަށް ހަމަ ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން އެކި ޕޭމަންޓްސް ހަދައި އަނެއްކާ އެ ރިޕްލޭސް މިކުރަނީ. އެހެންވީމަ އަމާޒަކީ 78 މިލިޔަނުން 100 މިލިޔަން ޑޮލަރަށް އަދި މިއަންނަ އަހަރު ނިމެންވާއިރަށް 150 މިލިޔަން ޑޮލަރާ ހަމައަށް ގެންދިއުން،” ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މީގެކުރިން ވިދާޅުވެފައި ވަނީ ނިމިދިޔަ ސަރުކާރު 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު ސޮވްރިން ފަންޑުގައި 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ހުރިކަމަށެވެ. ނަމަވެސް އެ ސަރުކާރުގެ ވެރިކަން ނިމުނުއިރު، އެ ފަންޑުގައި ހުރި ހުރިހާ ޑޮލަރެއްހެން މާރުކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް ސަރުކާރުގެ ފަރާތުން، މަޖިލީހަށް ބިލެއް ހުށަހަޅައި އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީ މަރުހަލާގައިދަނީ ކުރަމުންނެވެ..
ސޮވްރިން ފަންޑުގެ އަދަދު މިހާ ބޮޑަށް އިތުރުކުރެވިފައިވުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ކާމިޔާބީއެއްގެ ގޮތުގައި ބެލެވެއެވެ. މި ފަންޑުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ސްޓެބިލިޓީ އިތުރުވެ، ބޭރުގެ ދަރަނި ދެއްކުމަށް އިތުރު ބާރެއް ލިބޭނެ ކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ.

