މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސްވެރިން ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކޮށް، އެ ސިޓީގެ ވިޔަފާރިވެރިންނާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުން ބޭއްވުނީ އިއްޔެއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިންޑިއާގެ ޓުޓިކޮރިންއިން ކުޅުދުއްފުށި ސިޓީއަށް ސީދާ ޕެރިޝަބަލް އަދި ޖެނެރަލް ކާގޯ އުފުލާ ބޯޓު ދަތުރުތައް ފެށުމާ ގުޅޭ ކަންކަމެވެ. މިއީ އުތުރުގެ ވިޔަފާރިއަށާއި އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.
އެމްޕީއެލްއިން މަޢުލޫމާތު ދެއްވި ގޮތުގައި، އިންޑިއާއިން ދާއިމީ ގޮތަކަށް ކުޅުދުއްފުށި ސިޓީއަށް ޕެރިޝަބަލް މުދާ އެތެރެކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދެއެވެ. މިހާރުވެސް އެމްޕީއެލްއިން އަންނަނީ އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ އެތެރެކުރަމުންނެވެ. މި ޚިދުމަތް ފެށުނީ މިދިޔަ ޖުލައި މަހުގައެވެ. އޭގެ ފުރަތަމަ ޝިޕްމަންޓްގައި 150 ޓަނުގެ މުދާ ވަނީ ގެނެސްފައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސްވެރިން ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތް ކުރުމުގެ ތެރެއިން…….
ކުރިން އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ނުވަތަ ޕެރިޝަބަލް ކާގޯ ގެންނަމުން އައީ ލަކުޑި ބޯޓުތަކުގައެވެ. ނަމަވެސް މިހާރު އިންޑިއާގެ ފައިނެސް ގްރޫޕް މެދުވެރިކޮށް މިފަދަ މުދާ ގެންނަނީ ދަގަނޑު ބޯޓުފަހަރުގައެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ކުޅުދުއްފުށި ޕޯޓުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި، އެ ޕޯޓުގައި ބޯޓު ޔާޑެއް ޤާއިމުކުރުމުގެ ޕްލޭންތަކާ ބެހޭގޮތުންވެސް މަޢުލޫމާތު ހިއްސާކުރެވުނެވެ. އެމްޕީއެލްގެ ފަރާތުން ވިދާޅުވި ގޮތުގައި މި މަސައްކަތްތަކަކީ އުތުރުގެ ވިޔަފާރިއަށާއި އިޤްތިޞާދަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަންކަމެވެ.

