ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ރައީސް ޑރ މުއިއްޒު، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ވެރިކަމާ ގުޅޭގޮތުން ބައްޕާފުޅު ޝައިޚް ހުސެއިން އަބްދުއްރަޙްމާންގެ ބަސްކޮޅެއްވެސް ރައީސް ޑރ މުއިއްޒު ވަނީ ހިއްސާކުރައްވާފައެވެ.
ރައީސް ޑރ މުއިއްޒުގެ އެޕޯސްޓްގައި ހިއްސާކުރެއްވި ބައްފާފުޅުގެ ބަސްފުޅުގައި ބުނެފައިވަނީ “ހެޔޮގޮތުގައި ކުރެވޭ ވެރިކަމަކީ ރައްޔިތުންގެ މަސްލަހަތުތައް ރަނގަޅަށް ބަލަހައްޓާ ގާނޫނީ ގޮތުންނާއި އިންސާނިއްޔަތުގެ ގޮތުން ފުރިހަމަ ޒިންމާއެއް އުފުލާ ވެރިކަމެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ފަރާތުން ކުރާ ރައްޔިތުންގެ ވެރިކަމެއް ކަމަށް،” މިފަދައިންނެވެ.
ޖުމްހޫރީ ދުވަސް، ރާއްޖޭގައި ފާހަގަ ކުރަނީ ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ވެރިކަން ފެށުނު ދުވަހާ ދިމާކޮށެވެ. ދިވެހިރާއްޖޭގެ، ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަން ނިމި، އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެ، 14 އަހަރަށްފަހު އެރަސްކަން ނިމި އަނެއްކާވެސް ރާއްޖެ، ޖުމްހޫރީ ނިޒާމަކަށް ބަދަލުވި ދުވަހަކީ 11 ނޮވެމްބަރ 1968 ގައެވެ.

