ދިވެހިރާއްޖޭގެ ގައުމީ މާ އެނގެނީ ކިހާވަރަކަށް ބާވައެވެ. އެނގޭނަމަ އޭގެ މާނައާއި އޭގެ ބޭނުންތަކާއި އޭގެ ހައިސިއްޔަތު، މާތަކުގެ މެދުގައި އޮންނަ ގަދަރު، މިއިން އެއްވެސް ކަމެއް އެނގޭބާވައެވެ. ދިވެހިރައްޔިތަކަށް ވެ ހުރެ، ދިވެހިގައުމީ މަލުގެ ނަންވެސް ނޭނގޭ މީހުން ތިބެއޭ ބުނުމުން ހައިރާން ނުވާށެވެ. އިއްޔެ އަކީ ޖުމްހޫރީ ދުވަސްކަމަށްވުމުން، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ޖުމްހޫރީ މަލާ ގުޅޭ ގޮތުން، "ރެންޑޮމް" 50 ނަމްބަރުތަކަށް ގުޅައިގެން އަދި ބައްދަލުވި ބައެއް ޒުވާނުންނާއި މެދުއުމުރުގެ މީހުންގެ އިތުރުން ކިޔަވާ ކުދިންގެ ތެރެއިންވެސް ބައެއް ކުދިންނާ ސުވާލު ކުރީމެވެ.
ޖަވާބުތައް ތަފާތެވެ. ހައިރާންވާކަހަލަ ބައެއް ޖަވާބުތައް ވެސް ލިބުނެވެ. ހާމަވެ އެނގިގެން ދިޔައީ އެންމެ ކަމެކެވެ. ދިވެހިންނަށް ދިވެހިގައުމީ މާ އެނގެނީ ހަމައެކަނި ފޮތްތަކުގައި އޮންނަ ބަހެއްގެ ގޮތުގައި ކަމެވެ. މެދުއުމުރުން މަތީގެ މީހުންގެ ޖަވާބުތައް ރަނގަޅެވެ. އެމީހުންގެ ނަޒަރިއްޔާތު ތަފާތެވެ. ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުން ހަނދާނެއް ނެތެވެ. ސުކޫލުގައި ކިޔެވި ނަމަވެސް ހަނދާނެއް ނުހުންނާނެތާއޭ ބުނި ޒުވާނުންނާވެސް ދިމާވިއެވެ. ސުކޫލު ކުދިންގެ ތެރެއިންވެސް ކުޑަކުދިންނަށް އެނގުނުވަރަށް ފުރާވަރުގެ ކުދިންނަށް ނޭނގުނޭ ބުނުމުން ހައިރާން ނުވާށެވެ. މިއަދުގެ ތާރީހުގައި މިވަރުގެ ތެދެއް ނުބުނާކަން ޔަގީނެވެ.

ދިވެހިރާއްޖޭގެ ގައުމީ މާ، ފިޔާތޮށި ފިނިފެންމާ……….ފޮޓޯ:ޕިންޓެރެސްޓް
"ގައުމީ މަލަކީ ރޯޒް، އަދި ވަކިކުލައެއްވެސް އޮވޭތަ، ނޭނގޭ." މިވެސް ޖަވާބެކެވެ.
"ގައުމީމަލެއް އޮންނަކަން އެނގޭ، ކުޑައިރު ކިޔެވި ހަނދާނެއްވޭ. މިހާރު ހަމަ އެއްގޮތަކަށްވެސް ހަނދާނެއްނެތް،" ހިނިގަނޑެއް ޖަހާލަމުން ޒުވާނަކު ދިން ޖަވާބެކެވެ.
"މަޑުކުރޭ. ގޫގްލް ކޮށްލާނަން." ހިނި ނާންނާށެވެ. ރުޅިވެސް ނާންނާށެވެ. މިއީ ހަމަ ހަގީގަތެވެ. އަދި މީގައި އެޒުވާނުންގެ މައްސަލައެއް ނެތެވެ، މިއީ ހުރިހާ ދިވެހިންގެވެސް މައްސަލައެކެވެ. ފަރުދީ ޒިންމާ އަދާ ކުރެވޭނަމަ މިފަދަ ގޮތެއް ނުވާނެއެވެ. ޖުމްހޫރީ މަލާއި، ގަހާއި، މޭވާއާއި ހެދުން ފަދަ ތަކެތީގެ ނަންތައް އޮތީ ގޫގުލްއިން ހޯދާ ހިސާބުގައި ވަޅުލެވިފައެވެ.
އިއްޔެ އަކީ މިގައުމުގެ ޖުމްހޫރީ ދުވަހެވެ. ޖުމްހޫރީމަލުގެ ނަމުން ގަދަރު ދެވިފައިވާ ގައުމީ މަލަކީ ކިހިނެއްވާ، ކޮން އެއްޗެއްކަން ދެނެގަތުން ހަމައެންމެ ރަނގަޅުކަމަށް ފެނެއެވެ. ގައުމީމަލަކީ، ހަމައެކަނި ސުކޫލަށް ދާ މުދައްރިސުންނާއި ކިޔަވާ ކުދިންގެ މައުޟޫއަކަށް ނުހަދައި އެންމެންގެ މައުޟޫއަކަށް ހަދަމާ ހިންގަވާށެވެ.

ދިވެހިރާއްޖޭގެ ގައުމީ މާ، ފިޔާތޮށި ފިނިފެންމާ……….ފޮޓޯ:ފްލިކަރ
ފިޔާތޮށި ފިނިފެންމާ؛ ދިވެހިރާއްޖޭގެ ގައުމީ މަލުގެ މަހިމަ
ފިނިފެންމަލަކީ ކޮންމެ ބަރިއެއްގައި ފަސް ފިޔަ ހިމެނޭ ފަސްބަރީގެ މަލެކެވެ. ދިވެހިރާއްޖޭގެ ގައުމީ މާ ކަމުގައި ކަނޑައަޅާފައިވާ ފިނިފެންމަލުގެ ކުލައަކީ ފިޔާތޮށި ކުލައެވެ. އާންމު ގޮތެއްގައި ފިޔާތޮށި ކުލަ މާނަ ކުރެވެނީ އަންހެންވަންތަކަމާއި، ފުރިހަމަކަމާއި، ފޮނިމީރުކަމާއި، އަދި އާބާތުރަފިލުވުމުގެ ރަމްޒެއްގެ ގޮތުގައެވެ. ނަމަވެސް، ގަދަ ފިޔާތޮށި ކުލަ އިޝާރާތްކުރަނީ ޝުކުރުވެރިކަމަށެވެ. ބޮޓާނިކަލީ ރޯޒް ޕޮލިއަންތާގެ ނަމުން ނަންދެވިފައިވާ ފިޔާތޮށި ފިނިފެންމަލަކީ ތެދުވެރިކަމާއި، ނިޔަނެތިކަމާއި، ފޮނިމީރުކަން އެކުލެވޭ ވަތަނީ ލޯބީގެ ރަމްޒެކެވެ.

ދިވެހިރާއްޖޭގެ ގައުމީ މާ، ފިޔާތޮށި ފިނިފެންމާ……….ފޮޓޯ:ފްލިކަރ
ފިނިފެންމަލުގެ ގަހަކީ ކަށިގިނަ ކުދި ފަތްތަކެއް ހުންނަ ގަހެކެވެ. މި ގަސް ހެއްދިދާނެ ދެ ގޮތެއް ވެއެވެ. އެއީ ވަކި ގަހެއްގެ ގޮތުގައި ނުވަތަ ވެޔޮގަނޑަކަށް އަރައިގެންދާ ގޮތަށެވެ. މިކުލައިގެ ފިނިފެންމަލަކީ ދިވެހިރާއްޖޭގެ މޫސުމާއި ފަސްގަނޑަށް ވަރަށް އެކަށީގެންވާ މަލެކެވެ. އިހުގައި ރާއްޖޭގެ ރަށްރަށުގެ ވަރަށް ގިނަ އާންމު ގޭގޭގައި ހައްދާފައި ހުރެއެވެ. އީދު ދުވަސްފަދަ ދުވަސްތަކުގައި އަދި އާންމު އެހެނިހެން ދުވަސްދުވަހުވެސް މިމަލުން ޒީނަތްތެރިވުން ދިވެހިންގެ ތެެރޭގައި އާންމުވި ދުވަސްވަރެއް މާޒީއާ އެކުވެގެން ގޮސްފިއެވެ. މިއަދު މިކުލައިގެ ފިނިފެންމާ އޭގެ ތާޒާކަމާއި މީރުވަހާއެކު ލިބެނީ ވަރަށް މަދުންނެވެ. ބޭނުންވެއްޖެ ހާލަތެއްގައިވެސް އަސްލެއް ނެތް ކޮންމެވެސް ކަހަލަ ގޮތަކަށް ތައްޔާރު ކޮށްފައިވާ މާތަކެއް ބޭނުންކުރުން މިހާރު ވަނީ އާންމުވެފައެވެ. އެއް ޒަމާނެއްގައި މި މަލަކީ ދިވެހިންނާ ވަރަށް ގާތް މަލަކަށް ވީ ނަމަވެސް، މިއަދު ގިނަ މީހުންނަށް ފިޔާތޮށި ފިނިފެންމަލެއްގެ ހަގީގީ ވަހެއްވެސް ނޭނގޭނެއޭ ބުނުމަކީ ގޯހެއް ނޫންކަން ޔަގީނެވެ.
ފިޔާތޮށި ފިނިފެންމަލާއި އެހެން ގައުމުތަކުގެ ގައުމީ މާތައްވެސް ލިސްޓު ކޮށްފައިވެއެވެ. ގޫގުލް އިން ވެސް ހޯދާލުމުން ފެންނާނެއެވެ. އޭގެ ތެރެއިން ބައެއް ގައުމުތަކަށް ބަލާލަމާ ހިންގަވާށެވެ.
- އިންޑިއާ: ލޮޓަސް މާ
- ސްރީލަންކާ އަދި ބަންގްލަދޭޝް: ލިލީ މާ
- އީރާން އަދި އިރާގު: ފިނިފެންމާ
- ސީރިއާ: ހުވަނދުމާ
- ތުރުކީ: ޓިއުލިޕް މާ
- ޖަޕާނު: ސަކުރާ ބްލޮސޮމް
- މެލޭޝިއާ: ރަތް ކުލައިގެ ސައިމާ
- އިނގިރޭސިވިލާތް، އެމެރިކާ، ސްލޮވާކިއާ، ލަގްޒަމްބާގް، އިކުއެޑޯ، ޗެކް ރިޕަބްލިކް، ސައިޕްރަސް އަދި ބަލްގޭރިއާ: ފިނިފެންމާ (ތަފާތު ކުލަތަކުގައި)
- ދިވެހިރާއްޖެ: ފިޔާތޮށި ފިނިފެންމާ

ދިވެހިރާއްޖޭގެ ގައުމީ މާ، ފިޔާތޮށި ފިނިފެންމާ……….ފޮޓޯ:ފްލިކަރ
ދިވެހިރާއްޖޭގައި ހައްދާ ފިޔާތޮށި ފިނިފެންމަލަކީ އޭގެ ޒާތުގައި ވަރަށް ހާއްސަ ބާވަތެކެވެ. ބޭރު ގައުމުތަކުން އެތެރެކުރާ އެކި ވައްތަރުގެ ފިނިފެންމަލާ އަޅާބަލާއިރު، ދިވެހި ފަސްގަނޑުގައި ހައްދާ މި ގައުމީ މަލުން ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން އެތައް ގުނައަކަށް އިތުރެވެ. ދިވެހިންގެ މެދުގައި އިއްތިފާގުވާ އެއް ކަމަކީ ދިވެހި ފަސްގަނޑުގައި ހައްދާ މި ގައުމީ މަލުން ދުވާ މީރުވަހަކީ އެހެން އެއްވެސް ފިނިފެންމަލަކުން ނުދުވާ ހާއްސަ ވަހެއް ކަމެވެ.
ފިނިފެންމަލުގެ ތާރީޚު ވަރަށް ދުރަށް ދެއެވެ. އެންމެ ފުރަތަމަ މި މާ ތައާރަފުވީ ޕާޝިއާގައެވެ. ބައެއް ލިޔުންތަކުގައިވާ ގޮތުން، ފިނިފެންމަލުގެ އުމުރު 35 މިލިއަން އަހަރަށް ވުރެ ގިނަ ވެދާނެއެވެ. މިހާރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި "މަލުގެ ރާނީ" ގެ ނަމުން މަޝްހޫރުވެފައިވާ ފިޔާތޮށި ފިނިފެންމާ ދިވެހިރާއްޖޭގެ ގައުމީ މަލުގެ ގޮތުގައި ކަނޑައެޅުނީ 25 ޖުލައި 1985 (7 ޛުލްޤަޢިދާ 1405) ގައެވެ. މި ނިންމުން ނިންމުނީ ދިވެހި ރައްޔިތުންގެ އެއްބަސްވުމާ އެކުގައެވެ.
ފިޔާތޮށި ފިނިފެންމާ އާންމުކޮށް ބޭނުންކުރެވެނީ ޖަލްސާތައް ޒީނަތްތެރިކުރުމަށާއި، ކުރީގެ ދިވެހިންގެ މެދުގައި އާދަވެފައިވާ "ގުލްކަދު" އެޅުމަށެވެ. މީގެ އިތުރުން، ފިޔާތޮށި ފިނިފެންމަލުގެ ފިޔަތަކުގައި ފޮސްފަރަސް، ކާބޯހައިޑްރޭޓްސް، ދަގަނޑު، ޑައެޓަރީ ފައިބަރ، އަދި ކެލަރީސް ހިމެނޭތީ، މި ބާވަތްތައް ބޭނުންކޮށްގެން ފަތްޕިލާވެލީގެ ބޭސްތައް އުފައްދައެވެ.
ފިޔާތޮށި ފިނިފެންމަލަކީ ދިވެހިރާއްޖޭގެ ގައުމީ މަލުގެ ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޮތް ނަމަވެސް، މިހާތަނަށް ހިތްތަކުން މިމަލަށް ގައުމީވަންތަކަމާއި ވަތަނީލޯބީގެ ރަސްމީ ހައިސިއްޔަތެއް ލިބިފައެއް ނުވެއެވެ. މި މަލާ ބެހޭ މައުލޫމާތު މައިގަނޑު ގޮތެއްގައި ފެންނަނީ ސްކޫލު ދަރިވަރުންގެ ފޮތްތަކުންނާއި ޅެންވެރިންގެ ޅެންތަކުންނެވެ.

ދިވެހިރާއްޖޭގެ ގައުމީ މާ، ފިޔާތޮށި ފިނިފެންމާ، ކާށިދޫ ގެއެއްގެ ތެރޭގައި……….ފޮޓޯ:ކާށިދޫ ޖާނަލް
ފިޔާތޮށި ފިނިފެންމަލަކީ ދިވެހިންގެ ހިތްތަކުން، ވަރަށް ހާއްސަ މަގާމެއް ދޭން ޖެހޭ މަލެކެވެ. މި މަލުގެ ގައުމީ މަހިމަ ދެމެހެއްޓުމަށްޓަކައި، ސަރުކާރުންނާއި އާންމު ރައްޔިތުން އިތުރު ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. ގައުމީ މަލުގެ ރަސްމީ ހައިސިއްޔަތު ހޯދައިދިނުމާއި، މި މަލާބެހޭ މައުލޫމާތު އާންމުކުރުމާއި، ތައުލީމީ ނިޒާމުގައި މި މަލުގެ މުހިންމުކަން އުނގަންނައިދިނުމަކީ ކުރަންޖެހޭ މުހިންމު ކަންކަމެވެ.
ފިޔާތޮށި ފިނިފެންމަލަކީ ހަމައެކަނި ރީތި މަލެއް ނޫނެވެ. މިއީ ދިވެހި ގައުމިއްޔަތުގެ ރޫޙާއި، ދިވެހިންގެ އަހުލާގީސިފަތަކާއި، އަދި ދިވެހިންގެ ތާރީހާއި ސަގާފަތް ތަމްސީލުކުރާ މުހިންމު ރަމްޒެކެވެ. މި މަލުގެ ކޮންމެ ފިޔައަކުން ދިވެހިންގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ލޯބިވެތިކަމާއި، އަދި ނިޔަނެތިކަމުގެ ވާހަކަ ކިޔައިދެއެވެ.
އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ޒިންމާއަކީ މި ގައުމީ މަލުގެ މަހިމަ ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް މި މަލުގެ މުހިންމުކަން އަންގައިދިނުމެވެ. މީގެ ކުރީ ޒަމާނުގައި އަޅުގަނޑުމެންގެ ކާބަފައިން ކަންތައް ކުރި ގޮތަށް މިއަދުވެސް އަޅުގަނޑުމެންގެ ގޭގޭގައި ފިޔާތޮށި ފިނިފެންމާ ހައްދައި، އޭގެ ރީތިކަމާއި މީރުވަސް އާލާކޮށް، އަޅުގަނޑުމެންގެ ދަރިންނަށް މި މަލުގެ ތާރީހާއި މުހިންމުކަން ކިޔައިދޭން ވާނެއެވެ.

ދިވެހިރާއްޖޭގެ ގައުމީ މާ، ފިޔާތޮށި ފިނިފެންމާ……….ފޮޓޯ:ފްލިކަރ
ގައުމިއްޔަތުގެ ވާހަކަ ދެކެވެމުންދާއިރު ދިވެހިގައުމީ މަލުގެ ވާހަކައަކީ ހަމައެކަނި ހާއްސަ ދުވަސްތަކުގައި ސުކޫލު ކުދިންގެ މަޒުމޫނު ލިޔުމުގެ މައުޟޫއަކަށް ނޫނީ ހާއްސަ ދުވަސްދުވަހު ފެންނަ މަލަކަށް ހެދުމުގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް އެއަށް ގަދަރުދެވޭ މަލަކަށް ހަދަމާތޯއެވެ!
ފިޔާތޮށި ފިނިފެންމަލަކީ މިއީ ދިވެހި ދިދައާއި، ދިވެހި ބަހާއި، ދިވެހި އާދަކާދައާ އެއްފަދައިން މުހިންމު ގައުމީ ރަމްޒެކެވެ. މި ވަތަނީ ރަމްޒަށް ދޭ އަހަމިއްޔަތުކަމަކީ ދިވެހި ގައުމިއްޔަތަށް ދޭ އަހަމިއްޔަތުކަމެވެ. އެހެންކަމުން، އަޅުގަނޑުމެން އެންމެން މި މަލުގެ މަހިމަ ދެމެހެއްޓުމަށް މަސައްކަތްކުރަމާ ހިންގަވާށެވެ. އޭރުން، ފިޔާތޮށި ފިނިފެންމަލުގެ މީރުވަހާއެކު، ދިވެހި ގައުމިއްޔަތުގެ ރީތި ވަސް ދުވަހުން ދުވަހަށް އިތުރު ވަމުންދާނެކަން ޔަގީނެވެ!

