ރ. މާކުރަތު / ތިންތަރި، އަހްމަދު ޝާހީން (21އ) ގެއްލިގެން ހޯދަމުންދިޔަތާ ތިން ގަޑިއިރު ފަހުން މިއަދު މާލެސިޓީ އިން ފެނިއްޖެ އެވެ.
މިއަދު މެންދުރު އެކެއް ޖެހިހާއިރު ފުލުހުން ވަނީ ޝާހީން ގެއްލިގެން ހޯދަން އިއުލާން ކޮށްފައެވެ. ފުލުހުންގެ ރަސްމީ އެކައުންޓުން އެކްސްގައި ބުނެފައިވަނީ ޝާހީންގެ ހަބަރެއް އެންމެ ފަހުން ލިބިފައިވަނީ މި މަހުގެ ހަވަނަ ދުވަހު ފޯނުން ކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
ނަމަވެސް، އޭނާ ހޯދަން އިޢުލާންކުރިތާ ތިން ގަޑިއިރު ފަހުން، މިއަދު ހަވީރު ހަތަރު ޖެހިއިރު، ފުލުހުން ވަނީ ޝާހީން މާލެއިން ފެނިފައިވާ ކަމަށާއި އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ. އެހެންނަމަވެސް، ޝާހީން ފެނުނު ތަނާއި ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

