ކުވައިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ގުރުއާން މުބާރާތް “ކުވައިތު އިންޓަނޭޝަނަލް ޕްރައިޒް އޮފް ދި ހޮލީ ގުރުއާން” ގައި ދިވެހިރާއްޖެ ތަމްސީލްކުރާ އަލްހާފިޒް އަޙްމަދު ނަބީހު އަބްދުލް ޤާދިރުއާ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝަހީމް ވަނީ، ގައުމު ތަމްސީލްކުރުމުގެ ފުރުސަތު ނަބީހަށް ލިބުނީތީ މަރުޙަބާ ދަންނަވާ، މުބާރާތުގައި ރަނގަޅު ކާމިޔާބީއަކާ ހަމައަށް ވާސިލްވުމަށް ހިތްވަރު ދެއްވާފައެވެ. މި މުބާރާތުގައި ނަބީހު ބައިވެރިވެފައިވަނީ މުޅި ގުރްއާން ހިފްޒުކޮށް ކިޔެވުމުގެ ގޮފީގައެވެ.
ނަބީހުގެ އިތުރުން އޭނާގެ ބެލެނިވެރިޔާއާ ވެސް ޑރ. ޝަހީމް ވަނީ ބައްދަލުކުރައްވާ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި ނަބީޙުގެ މަންމަގެ އިތުރުން ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ފަރާތުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.
ކުވައިތު އިންޓަނޭޝަނަލް ޕްރައިޒް އޮފް ދި ހޮލީ ޤުރުއާންގެ މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 13 އިން 20 ގެ ނިޔަލަށެވެ. މި މުބާރާތަކީ ކުވައިތުގައި ބާއްވާ ފެންވަރު މަތި ބައިނަލްއަގްވާމީ ގުރުއާން މުބާރާތެކެވެ.

