ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ކާގޯގެ ޚިދުމަތަށް އަލަށް ގުޅުނު ބްރިޓިޝް އެއާވޭސްގެ ފްލައިޓެއްގައި 8.2 ޓަނުގެ މުދާ ކެނެޑާއަށް ފޮނުވައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަސްމީ އެކްސް އެކައުންޓުންނެވެ.
ބްރިޓިޝް އެއާވޭސްއަކީ ސީ-ޓު-އެއާ ކާގޯ ޚިދުމަތާ ގުޅުނު 11 ވަނަ އެއާލައިން ކަމަށް އެއާޕޯޓުން މަޢުލޫމާތު ދީފައިވެއެވެ. މި ޚިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެމުންދާ ކަނޑު މަގުން މުދާ ގެނެސް ވައިގެ މަގުން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމުގެ ޚިދުމަތެކެވެ.
އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު "ދެން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު މާލެ އަންނަ ކޮންމެ ބޯޓަކުން ސީ-ޓު-އެއާ ކާގޯގެ ގޮތުގައި އެއް ނުވަތަ ދެ ކޮންޓެއިނަރުވަރު ލިބެމުންދާ ކަމަށެވެ. އަދި މި ޚިދުމަތަށް ޑިމާންޑް އިތުރުވަމުންދާކަން ފާހަގަކުރައްވައި، އިންޑިއާއިން ވެސް މިހާރު ސީ-ޓު-އެއާ ކާގޯގެ ގޮތުގައި ރާއްޖެއަށް މުދާ ފޮނުވަމުންދާ ކަމަށް ވިދާޅުވިއެވެ.
"މިދިޔަ ހަފްތާގައި އިންޑިއާއިން ވެސް ކޮންޓެއިނަރެއް ފޮނުވި. އިންޑިއާގެ އެއާޕޯޓަށްވުރެ ރާއްޖޭގެ އެއާޕޯޓުން އެކަން ކުރަން ފަސޭހަވާތީ ވިޔަފާރިވެރިން އެގޮތަށް ޚިޔާރުކުރީ،" ވަޖީހު ވިދާޅުވިއެވެ.
މި އަހަރުގެ މާރިޗު މަހު ޓާކިޝް އެއާލައިންސްއާ އެކު ސޮއިކޮށް އެމްޕީއެލުން ތަޢާރަފުކުރި ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ކާގޯގެ ޚިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއިން ފޮނުވީ މެއި މަހުގެ ތެރޭގައެވެ. މި ޚިދުމަތަށް ލިބޭ ތަރުހީބު ބޮޑުވެ، ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ވަޖީހު ދެއްވި މަޢުލޫމާތުގައި، ސެޕްޓެމްބަރު މަހު 55 ކޮންޓެއިނަރުގެ މުދާ އެކްސްޕޯޓް ކުރެވުނުއިރު، ނިމިދިޔަ މަހު އެ އަދަދު 96 އަށް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. މިއީ 418 ޓަނުގެ މުދާ ނުވަތަ 34,946 ދާގީނާއެވެ.

