ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމް އުވާލައި، ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ މަޤްޞަދުގައި ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި “ދައުލަތުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓް 2025” ގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި، ދައުލަތުން ޚަރަދުކުރަންޖެހޭ މިންވަރު ކޮންޓްރޯލް ކުރުމަށް ވަނީ ނިންމާފައެވެ.
މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް މެޑިކަލް ވެލްފެއާ ސްކީމުން ބޮޑު ޚަރަދެއް ހިނގާތީ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ބަދަލު އަންނަ އަހަރުގެ ކުރީކޮޅު ގެނައުމަށް ވަނީ ނިންމާފައެވެ.
ނަމަވެސް، ޕްރައިވެޓް އިންޝުއަރެންސް ހަމަވުމަށްފަހު އާސަންދަ ނިޒާމުގެ ތެރެއިން ސިއްޙީ ފަރުވާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ބަޖެޓުގައި ވާގޮތުން، މި އަހަރު އެކަނިވެސް ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް 322 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެއެވެ. މީގެ އިތުރުން، މިހާރުގެ ސްކީމަށް ލިމިޓެއް ނެތުމާއެކު، ކޮސްމެޓިކް ޕްރޮސީޖަރތަކާއި ބައެއް ކޮންސިއުމަބަލްތައްވެސް މި ސްކީމުގެ ތެރެއިން ލިބޭކަން ފާހަގަކޮށްފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ދައްކާގޮތުން، މިދިޔަ އަހަރު ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ކަނޑައެޅި ބަޖެޓަށްވުރެ 35 ޕަސެންޓް އިތުރަށް ޚަރަދުކޮށްފައިވެއެވެ. އެގޮތުން، ބަޖެޓުގައި އިތުރު އިންޝުއަރެންސްތަކަށް 179 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރު ނިމުނުއިރު އެ އަދަދު ހުރީ 241 މިލިއަން ރުފިޔާގައި ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

