މި މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް މަނާކުރާގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި އިސްލާހު ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓުންނެވެ.
މި އިސްލާހުގެ ދަށުން، އީ-ސިނގިރޭޓްފަދަ ވޭޕްކުރަން ބޭނުންވާ އާލާތްތައް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، ބޭނުންކުރުން މަނާވާނެއެވެ. މީގެ އިތުރުން، މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. މިސާލަކަށް، ވޭޕް އާލާތްތައް ރާއްޖެއަށް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އެތެރެކުރާ ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެއެވެ.
މި އިސްލާހުގައި ހިމެނޭ އެހެނިހެން މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- ދުންފަތުގެ ބާވަތްތައް 21 އަހަރުން ދަށުގެ މީހުންނަށް ވިއްކުން މަނާ ކުރުން
- ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމާއި އާންމުކޮށް ފެންނަ ގޮތަށް ބެހެއްޓުން މަނާ ކުރުން
- ރާއްޖޭގައި ދުންފަތް އުފެއްދުން މަނާ ކުރުން
- ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ބޭރުކޮށް، ވިއްކާ ފަރާތްތަކުން ހާއްސަ ލައިސަންސް ނެގުން ލާޒިމު ކުރުން
އިޖުތިމާއީ ކޮމިޓީން ދެ އިތުރު އިސްލާހެއް ގެނެސްފައިވެއެވެ. އެއީ ދައުލަތުގެ އިދާރާތަކުގައި ދުންފަތް ބޭނުން ކުރުން މަނާކުރުމާއި، ދުންފަތާ ދުރުވުމަށް ދެވޭ ފަރުވާގައި ބޭނުންކުރާ ބާވަތްތައް ދުންފަތުގެ މާނައިން އިސްތިސްނާކުރުމެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ.
މި އިސްލާހަކީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އެޅުއްވި އިތުރު ފިޔަވަޅެކެވެ. މި އިސްލާހު ފާސްކުރުމުގެ ކުރިން، ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީވެސް މިހާރު ވަނީ ބޮޑުކޮށްފައެވެ. އެގޮތުން މިހާރު ސިނގިރޭޓާއި ޓޮބޭކޯ ސްޓިކްސް އިން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. އެހެންކަމުން މިހާރު މިއިން ފޮށްޓެއްގެ އަގަކީ 235 ރުފިޔާއާއި 245 ރުފިޔާ އާ ދެމެދުގެ އަގެކެވެ.

