އަންނަ އަހަރު ބްލޮކް ގްރާންޓުގެގޮތުގައި ކައުންސިލްތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ. މިއީ 2023 ވަނަ އަހަރު ދޫކޮށްދައިވާ މިންވަރަށްވުރެ 14.3 އިންސައްތަ އިތުރު މިންވަރެކެވެ.
ދައުލަތުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުރިން ނިންމާފައިވާ ގޮތާ ހިލާފަށް، ބްލޮކްގްރާންޓު ހިސާބުކުރާ ގޮތް މިވަގުތަށް ބަދަލު ނުކުރުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހަށް ވަނީ ހިއްސާކޮށްފައެވެ.
ކުރިން އަންނަ އަހަރަށް ކަނޑައަޅާފައިވާ 1.4 ބިލިޔަން ރުފިޔާގެ ބަދަލުގައި، މިހާރު ހުށަހަޅާފައިވަނީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން، އަންދާޒާކުރާ އާމްދަނީގެ މަދުވެގެން %5 އާއި ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ސަރަހައްދުތަކުން ލިބޭ ކުލީގެ %40 އާ އެއްވަރުގެ އަދަދެއް ކަމަށްވާ 2.1 ބިލިޔަން ރުފިޔާއެވެ.
މިނިސްޓްރީ އޮފް ފިނޭންސުން ބުނާ ގޮތުގައި، މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ދައުލަތުގެ އާމްދަނީ އިތުރުވަމުންދާއިރު، ކައުންސިލުތަކުގެ ބްލޮކް ގްރާންޓްވެސް އެއާ އެއްހަމައެއްގައި އިތުރުކުރުމަށެވެ. އަދި ކައުންސިލްތަކުގެ އަމިއްލަ އާމްދަނީ އިތުރުވަމުންދާއިރު، އާންމު ހަރަދުތައް އެ ނިސްބަތުން އިތުރުނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ކަނޑައަޅާފައިވާ 2.2 ބިލިޔަން ރުފިޔާއަކީ 2023 ވަނަ އަހަރާ އަޅާބަލާއިރު 14.3 އިންސައްތަ އިތުރު އަދަދެކެވެ. މިނިސްޓްރީ އޮފް ފިނޭންސުން އިތުރަށް ބުނާ ގޮތުގައި، ދައުލަތުގެ ފިސްކަލް ހާލަތު ރަނގަޅުވަމުން އަންނަވަރަކަށް، މި އަދަދު ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ މަދު މިންވަރަށްވުރެ އިތުރުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

