އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި ކުރިއަށްދާ، އދގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ގެ ވޯލްޑް ލީޑަރސް ކްލައިމެޓް އެކްޝަން ސަމިޓް ހުޅުވުމުގެ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ކޮޕް29ގެ މިއަހަރުގެ ޝިއާރަކީ “އިން ސޮލިޑަރިޓީ ފޮ އަ ގްރީން ވޯލްޑް” އެވެ. މި ކޮންފަރެންސަކީ މޫސުމީ ބަދަލުތަކާއި ވިލުނުވެރިކަމުގެ މަސައްކަތާއި ދެމެހެއްޓެނިވި ތަރައްގީގައި ރާއްޖެ ކުރަމުންދާ މަސައްކަތްތައް ދުނިޔެއާއި ހިއްސާކޮށް، ތަރައްޤީވަމުން އަންނަ ޖަޒީރާ ކުދި ގައުމެއްގެ ހައިސިއްޔަތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކޮށްދޭ ކޮންފަރެންސެކެވެ.
ތަރައްޤީވަމުން އަންނަ ޖަޒީރާ ކުދި ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ނޭޝަންސްއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދެއްވުމަށް ރައީސް ޑރ މުއިއްޒު މިއަހަރުގެ ކޮންފަރެންސްގައިވެސް ވަކާލާތުކުރައްވާނެއެވެ. މިދިޔަ އަހަރު ބޭއްވި ކޮޕް28 ގައިވެސް ރައީސް ޑރ މުއިއްޒު ވަނީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމަށް ރާއްޖެއިން ކުރުމަށް ނިންމާފައިވާ ކަންކަމުގެ މައްޗަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމާއި ރާއްޖޭގައި ބޭނުން ކުރާ ހަކަތައިގެ 33 އިން ސައްތަ އަކީ އިޔާދަކުރުވަނިވި ހަކަތައިން އުފައްދާ ހަކަތައަށް ހެއްދެވުމުގެ ވައުދު ވަނީ އެ ޖަލްސާގައި އިއުލާންކުރައްވާފައެވެ.
ކޮޕް29ގެ އެޖެންޑާގައި، އެންހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވަރކް ފުރިހަމަކުރުމަށާއި، ހުރިހާ މެންބަރުން ހިއްސާކުރާ މާލީ އައު ލަނޑުދަނޑިއެއް ކަނޑައެޅުމަށާއި، ބައިނަލްއަގުވާމީގޮތުން އެއްބާރުލުންދިނުން އިތުރުކުރުމަށާއި، ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރުމަށް ސަމާލުކަން ދިނުމަށް ވަނީ ނިންމާފައެވެ.
މިސެޝަނުގެ ކުރިން ކޮންފަރެންސްގެ ބައިވެރިން ވަނީ ގްރޫޕް ފޮޓޯއެއް ނަންގަވާފައެވެ. ކޮޕް29 ގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ. މި ތަގުރީރުގައި ރާއްޖޭގެ މޫސުމީ ބަދަލުތަކުގެ ލަނޑުދަނޑިތަކާއި ވިލުންވެރިކަމުގެ އަމާޒުތަކަށް ރައީސް ޑރ މުއިއްޒު އަލިއަޅުއްވާލައްވާނެއެވެ.

