އައިޖީއެމްއެޗްގެ ނަރުހެއް މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހުމާނު، ޖަލުގައި ގައިދީންތަކަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފުލުހުން ފަށައިފިއެވެ.
މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވުނު ލަމްހާގެ ބަންދު މުރާޖައާ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން، ދައުލަތުގެ ވަކީލު އައިޝަތު އަޒްލީނާ ވިދާޅުވީ، ލަމްހާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ އަދިވެސް ކުޑަވެފައި ނުވާ ކަމަށެވެ.
ދައުލަތުގެ އަނެއް ވަކީލު އާމިނަތު ޝާމާ ނަސީރު ވިދާޅުވި ގޮތުގައި، މި މައްސަލައަކީ މިދިޔަ އެޕްރީލް މަހު ގައިދީންތަކެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހެޅި މައްސަލައެކެވެ. އެޗްއާރްސީއެމްއިން މި މައްސަލަ ހަމަ އެ މަހު ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ، މި މައްސަލައާ ގުޅޭ ނޯޓިފިކޭޝަނެއް ކުރިން ނުދީ ޝަރީއަތުގެ މަޖިލީހުގައި މިފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.
މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ، މަރުގެ އިންޒާރުގެ ވާހަކަ މީގެ ކުރިން ދައުލަތުން ފާހަގަކޮށްފައި ނުވާ ކަމަށާއި، ބަންދުން ދޫކޮށްލިޔަސް ލަމްހާގެ ފަރާތުން ނުރައްކަލެއް އޮންނާނެ ކަމަށް ބުރަނުވެވޭ ކަމަށެވެ. އެހެންކަމުން، ގާޒީ ނިންމެވީ ލަމްހާ ތިން މަސްދުވަހަށް ބަންދުން ދޫކޮށްލުމަށެވެ.
ތިން މަސްދުވަހަށް ދޫކޮށްލި ލަމްހާ ވަނީ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ކުރިންވެސް ލަމްހާ ގޭބަންދަށް ދޫކުރިއެވެ، ނަމަވެސް އާންމުރައްޔިތުން އަޑުއުފުލައި ލަމްހާ ބަންދުން ދޫކުރުން ކުށްވެރިކުރާކަމަށް ގޮވައި ހެދުމުން، އަލުން ލަމްހާވަނީ ގޭބަންދުން ތަހުގީގީ ޖަލު ބަންދަކަށް ބަދަލުކޮށްފައެވެ.
ލަމްހާ، ގައިދީންތަކަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަމުން އަންނަކަން ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

