ސަބްސިޑީގެ ނިޒާމަށް ގެންނަ ބަދަލުގެ ސަބަބުން އެންމެ ފަގީރު ގޭބީސީތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެފަދަ ގޭބީސީތަަކަށް އެވްރެޖްކޮށް މަހަކު 2،450 ރުފިޔާ ކޭޝް ޓްރާންސްފާގެ ގޮތުގައި ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފި އެވެ.
މިހާރު ސަރުކާރުން ދެމުންދަނީ ކާޑާއި ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ އަސާސީ ތަކެއްޗާއި ޚިދުމަތްތަކުގެ އަގު ހެޔޮކޮށް، އެއްވަރެއްގައި ބެހެއްޓުމަށް އިންޑައިރެކްޓް ސަބްސިޑީއެކެވެ. ނަމަވެސް މި ގޮތަށް ސަބްސިޑީ ދިނުމުން، އޭގެ ފައިދާ އެންމެ ބޮޑަށް ލިބެނީ މުއްސަނދި ގޭބީސީތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އާ ނިޒާމުގެ ދަށުން، ސަބްސިޑީ ނުދޭނަމަ ކަރަންޓާއި ކާޑުގެ އަގު ބޮޑުވެ، ނަރުދަމާގެ ޚިދުމަތަށް އިތުރު ފީއެއް ނަގަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް އާ ސިޔާސަތު އެކުލަވާލާފައިވަނީ އެންމެ ފަގީރު ގޭބީސީތަކަށް ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަކުރެވޭނެ ގޮތަށް ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މި ބަދަލާ ގުޅިގެން، އާމްދަނީގެ ގޮތުން އެންމެ ދަށު 20 އިންސައްތައިގައި ހިމެނޭ ގޭބީސީތަކުގެ ޚަރަދު މަހަކު އެވްރެޖްކޮށް 1،770 ރުފިޔާއިން އިތުރުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އެ ގޭބީސީތަކަށް ކޭޝް ޓްރާންސްފާގެ ގޮތުގައި މަހަކު އެވްރެޖްކޮށް 2،450 ރުފިޔާ ލިބޭނެ ކަމަށް ބެލެވެއެވެ. މިގޮތުން، އެންމެ ފަގީރު ގޭބީސީތަކުގެ ޚަރަދު އިތުރުވާ މިންވަރަށްވުރެ، އެ ގޭބީސީތަކަށް ސަބްސިޑީގެ ގޮތުގައި ލިބޭ މިންވަރު އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ބަޖެޓު ތަފްސީލު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

