ފުލުހުންގެ ވެލްފެއަރ ނިޒާމު އުވާލުމަށް ނިންމާފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް ދޮގުކުރައްވައި، ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން މި ނިޒާމު އުވާލަން ނިންމާފައި ނުވާކަމަށް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ފުލުހުންގެ ވެލްފެއަރ ނިޒާމު އިސްލާހުކުރުމަށް ނިންމުމާ ގުޅިގެން، ބައެއް ފަރާތްތަކުން މި ނިޒާމު އުވާލުމަށް ނިންމާފައިވާކަމަށް ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން އޭސީޕީ ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން ނިންމާފައިވަނީ ވެލްފެއަރ ނިޒާމު ހަރުދަނާކޮށް، އިސްރާފު ނުވާނެ ގޮތަކަށް އެ ޚިދުމަތް ފަރުމާކުރުމަށް ކަމަށެވެ. އަދި ފުލުހުންނަށް ދެމުންދާ އެއްވެސް އިނާޔަތެއް ކަނޑާލުމަށް ނިންމާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ވަނީ މިހާރު ކުރިއަށްދާ ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއަރ ސްކީމުގެ ބަދަލުގައި، މުރާޖަޢާކުރެވިގެން ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރުމަށް ނިންމާފައެވެ. މިގޮތުން ފުލުހުންނާއި ސިފައިންނަށާއި އެ މީހުންގެ އާއިލާތަކަށް އެއްހަމައަކުން ޕްރައިވެޓް އިންޝުއަރެންސް ހަމަޖައްސައި، އިންޝުއަރެންސްއަށް ޚަރަދުކުރެވޭނެ ވަކި ލިމިޓެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.
އަދި މި އިންޝުއަރެންސްގެ ލިމިޓް ހަމަވުމަށްފަހު އާސަންދަ ނިޒާމުގެ ތެރެއިން ސިއްޙީ ފަރުވާ ލިބޭނެ ކަމަށާއި، ވަޒީފާ އަދާކުރުމުގެ ތެރެއިން ލިބޭ ހުރިހާ ގެއްލުމަކަށް ދައުލަތުން ފުރިހަމައަށް ޚަރަދުކުރާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ. މި ބަދަލު އަންނަ އަހަރުގެ ކުރީކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ،

