ސަރުކާރުން ހުށަހަޅާފައިވާ މާލީ އިސްލާހުތަކުގެ ތެރެއިން، އާސަންދައިގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ. މިގޮތުން، ވަކިވަރަކަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން އާސަންދައަށް އަގެއް ދައްކަންޖެހޭ ގޮތަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ.
ސަރުކާރުގެ ގެޒެޓުގައި ޝާއިއިކޮށްފައިވާ ބަޖެޓް މަޢުލޫމާތު ފޮތުގައިވާ ގޮތުން، މި އަހަރުގެ ނިޔަލަށް އާސަންދައިގެ ޚަރަދު 2.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ޞިއްޙީ ވެލްފެއަރގެ ނިޒާމަށް ޖުމްލަ 3.9 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވެއެވެ.
މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ، އާސަންދައިގެ ދަށުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ ޚަރަދު ފާއިތުވި ފަސް އަހަރުގެ ތެރޭގައި އަހަރަކު އެވްރެޖްކޮށް 9.2 އިންސައްތައިން އިތުރުވެފައިވާތީއެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި މި ނިޒާމު ކުރިއަށް ގެންދިއުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ސަރުކާރުން ދެކެއެވެ.
އާ އިސްލާހުގެ ދަށުން، 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މަހަކު 60,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ނުވަތަ އިންކަމް ޓެކްސް ދައްކަންޖެހޭ މީހުން އާސަންދައަށް ކޮންމެވެސް މިންވަރެއްގެ ފައިސާއެއް ދައްކަންޖެހޭނެއެވެ. މީގެ އިތުރުން، ބޮޑު އާމްދަނީއެއް ލިބޭ މީހުން އައުޓްޕޭޝަންޓް ޚިދުމަތްތައް ހޯދާއިރު އަދި އެސެންޝަލް ނޫން ބޭސް ގަންނައިރު ބިލުގެ ވަކި މިންވަރަކަށް ކޮންޓްރިބިއުޝަނެއް ދައްކަންޖެހޭ ގޮތަށް ނުވަތަ ކޯޕޭ އުސޫލަށް ނިޒާމު ބަދަލުކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.
ނަމަވެސް، މި އިސްލާހުތަކުން 18 އަހަރު ނުފުރޭ ކުޑަކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދާއިމީކޮށް ފަރުވާ ކުރަންޖެހޭ ބަލިތަކާއި ފުރާނައަށް ނުރައްކާވާ ބަލިތައް ތަޙައްމަލުކުރާ މީހުން އިސްތިސްނާވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މި ބަދަލުތަކަކީ ދެކުނު ކޮރެއާ ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި ކާމިޔާބުކަމާއެކު މިހާރުވެސް ހިންގަމުންދާ ނިޒާމެކެވެ. އަދި މި އިސްލާހުގެ ސަބަބުން އެންމެ ފަގީރު މީހާއަށް އެއްވެސް ބުރައެއް އުފުލަންނުޖެހި ހިލޭ ބޭސްފަރުވާ ލިބުމުގެ ޖާގަ އިތުރު ކުރެވޭނެ ކަމަށް ގަބޫލުކުރެވެއެވެ.

