ހުޅުމާލޭގައި ކާރެއް ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، އެމީހާގެ އާއިލާއާށް ބިރުދައްކައިގެންް ފައިސާ ހޯދުމަށް މަސައްކަތް ކުރި މައްސަލައިގައި އިތުރު ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ރޭ ހުޅުމާލެ އޯކިޑްމާ ހިނގުމުގައި ކާރެއް ތެރޭ ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކައި، އެ މީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑް ކުރި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވަނީ އެންމެ މީހެކެވެ. އެއީ މާލެ، ދަފްތަރު ނަންބަރު ރސ 9022، ތަލާލް މުސާ (37އ)އެވެ.
އޭގެ ފަހުން ދާދިދެންމެއަކު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ތަލާލް މޫސާއާއި އެކީ އިތުރު ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެހަތަރު މީހުންނަކީ
- ހދ. ކުމުންދޫ، ރަތްބަގީޗާގެ، ހުސާމް އިބްރާހިމް (34އ)،
- މާލެ، ގ. ކަޅަގާރިމާނގެ، ހުސެއިން ހައިކަލް ނިޔާޒް (23އ)،
- ހދ. ކުމުންދޫ، ރަތްބަގީޗާގެ، އާދަމް ޝަރީފް (36އ)
- ހުޅުމާލޭ ފްލެޓް ނަންބަރު. 04-1-71، އަހުމަދު ރިޝްފާން (26އ)
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 5 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެންމެން ވެސް 7 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މިމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

