މާލޭ ސަރަހައްދުން ގްރޭޑް އެކަކަށް ވައްދަން ފޯމުތައް ލަސްނުކޮށް ހުށަހަޅަން އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ ސަރަހައްދުން އެކަކަށް ވައްދަން ފުރުސަތު ހުޅުވާލުމުން ގިނަ އަދަދެއްގެ ފޯމުތައް ހުށަހެޅި ކަމަށާއި އަދި ގުރޭޑު އެކަކަށް ވައްދަން ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާން ތިން ދުވަހަށް ވެފައިވާ އިރު އަދިވެސް ފޯމު ހުށަނާޅާ މަދުބަޔަކު ތިބި ކަމަށެވެ.
މިނިސްޓްރީން ބުނީ ފޯމު ހުށަހެޅުމަށް ދެވަނަ ފުރުސަތަކަށް ހުޅުވާލަން ޖެހިއްޖެ ހާލަތެއްގައި ފަހުން ފޯމު ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭނީ ފުރަތަމަ ފޯމު ހުށަހެޅި ފަރާތްތަކަށް އިސްކަން ދިނުމަށް ފަހުގައި ކަމަށެވެ.
“މި ހާލަތުގައި އެކުދިންނާ އެއް އާއިލާއެއްގެ ކުދިން އުޅޭ ސްކޫލުތަކުން ޖާގަ ނުލިބުމުގެ ފުރުސަތު ބޮޑުވާނެ،” ކަމަށްވެސް މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވެއެވެ.
އެހެންކަމުން ލަސްނުކޮށް ފޯމުތައް ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

