ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ މިއަދު “ޝޭޑްސް އޮފް މައިންޑް” ނަމުގައި ބޭއްވޭ ކުރެހުމުގެ މައުރަޒު އިފްތިތާހު ކޮށްދެއްވައިފިއެވެ. މި މައުރަޒަކީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ މައުރަޒެކެވެ.
މައުރަޒު ހުޅުއްވައިދެއްވުމުގެ ގޮތުން، ނައިބު ރައީސްގެ އަތްޕުޅަށް މައުރަޒުގައި ބަހައްޓާފައިވާ ފޮޓޯތައް ހިމެނޭ ކެޓަލޮގެއް އަރުވާފައިވެއެވެ. އަދި އެއަށްފަހު ހާއްސަ ފޮޓޯއެއް ނަންގަވާފައިވެއެވެ. މީގެއިތުރުން މައުރަޒު އިފްތިތާހުކޮށްދެއްވުމަށްފަހު ނައިބު ރައީސް ވަނީ މައުރަޒުގައި ހުރި ކުރެހުންތައް ބައްލަވާލައްވާފައެވެ.
މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މި މަހުގެ 12 އިން 17 އަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ މި މައުރަޒުގައި ދައްކާލާ ކުރެހުންތަކަކީ، އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުން ހުށަހެޅި ކުރެހުންތަކެވެ.
މި މައުރަޒަކީ ޒުވާނުންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ދައްކުވައިދިނުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ހާމަކޮށްދޭ މުހިންމު ހަރަކާތެއްކަން ފާހަގަކުރެވެއެވެ.

