ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޭ އިއުލާނުކޮށްފިއެވެ.
މި މަޝްރޫއު އިއުލާނު ކޮށްފައިވަނީ އެޗްޑީސީން ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. "ޓްރާންސްފޯމިންގ ޓުމޯރޯ" ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ދެ ކޮޓަރީގެ 680 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 1,020 އެޕާޓްމަންޓް އަޅާ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ކުރެހުމެއް
މި ހަފްލާގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ މި މަޝްރޫއާ އެކު ގައުމުގެ އިގުތިސާދު އައު ހަރުފަތަކަށް ޖެހިލައި، ހުޅުމާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.
"މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ހައުސިންގ ޔުނިޓުތަކުގައި ޕާކިންގ ޖާގަ އަދި ވިޔަފާރީގެ ބޭނުމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދުތައްވެސް ހިމެނޭނެ،" ފަޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން، އެޗްޑީސީން ވަނީ އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

އެޗްޑީސީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ކުރެހުމެއް
މީގެ ތެރޭގައި ސްމާޓް ވެއަރހައުސް ކޮމްޕްލެކްސްއެއް، ފަރުކޮޅުފުށީގައި އެޕާޓްމަންޓްތަކާއި ހޮޓާތައް، އެޗްޑީސީގެ އައު އޮފީސް އިމާރާތެއް، އެސްއެމްއީ އިމާރާތެއް އަދި ގަލޮޅުފަޅުގައި ލަގްޒަރީ ވިލާތަކެއް ތަރައްގީކުރުން ހިމެނެއެވެ.
ފަޒުލް އިތުރަށް ވިދާޅުވީ ހުޅުމާލޭ ފޭސް 3 ގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ގޯތި ދޫކުރެވޭނެ ކަމަށެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް ބެލެވެއެވެ.

