ސައިބަރ ކްރައިމްގެ ކުށްތައް ފުޅާވަމުންދާ ދިއުން ހުއްޓުމަކަށް ގެންނަން އެންމެން ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ރޭ ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތާއި ނެޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ސައިބަރ އެކްސްޕޯ 2024” ގެ ވެބްސައިޓް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ ސައިބަރ އެކްސްޕޯ 2024 އަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން އަންނަ ދުނިޔޭގައި، މި އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި، ކަމުވޮށިގެންވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަށް ލިބުނު އައު ހިތްވަރަކަށް ވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. އަދި މިއަދު މި ދިވެހި މުޖުތަމައުގެ ހާލަތަށް ބަލާއިރު ސައިބަރ ކްރައިމްގެ ކުށްތައް ފުޅާވަމުންދާ ދިއުން ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ.
މިއަދު ހުރިހާ މަސައްކަތްތަކެއް ޑިޖިޓަލްކޮށް ކުރެވެމުންދާއިރު، މުޖުތަމައުގައި ދިރިއުޅޭ ފަރުދުން ސައިބަރ ކްރައިމްގެ ޝިކާރައަކަށް ވާހިނދު، ފޫނުބެއްދޭ ވަރުގެ އަގު ބޮޑެތި ގެއްލުން ލިބި ޑާޓާތައް ގެއްލިގެންދާކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ދިރިއުޅުމުގައި ތަކުލީފުތައް އުފަލަންޖެހޭ ފަހަރު ވެސް އަންނަކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިކަން ހުއްޓުވުމަށް، އެންމެން އެކުގައި މަސައްކަތްކުރުމާއި، ގުޅިގެން މަސައްކަތްކުރުމަށް އިހަށްވުރެ އަދު މިވަނީ މުހިންމުވެފައި. އެގޮތުން އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ އިދާރާތަކާއި، ތައުލީމާއި ތަރުބިއްޔަތުދޭ ތަންތަނުގެ މެދުގައި ގުޅުން ބަދަހިކުރުން ވަރަށް މުހިންމު.
މީގެއިތުރުން ސީޕީ ވަނީ މައުލޫމާތު ހިއްސާކުރުމަށް ނިޒާމުތައް ކަނޑައެޅުމާއި، ސައިބަރ ކްރައިމްގެ ނުރައްކާތަކާއި، ޑިޖިޓަލް ސެކިއުރިޓީގެ ވަލްނަރަބިލިޓީސްތައް ދެނެގަތުމާއި، މިކަންކަން ހައްލުކުރުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން ރައްކާތެރި ސައިބަރ ވެއްޓެއް ގާއިމުކުރުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް، ބެސްޓް ޕްރެކްޓިކްސްތަކާ ޕޮލިސީސްތައް ތައްޔާރުކޮށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމަށް ލަނޑުދަނޑި ކަނޑައެޅުން މިއަދު ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު ދިވެހި ރައްޔިތުންގެ އަމާޒަކަށްވާންވީ، ސައިބަރ ސެކިއުރިޓީގެ ފަންނުވެރިން މަދުއިރު، މި ދާއިރާއަށް އައު ފަންނުވެރިން ތައާރަފުކޮށް ހިތްޖެއްސުން ކަމަށާއި ސައިބަރ ސެކިއުރިޓީއަށާއި، ސައިބަރ ކްރައިމްގެ އެންމެހައި ކަންތައްތަކަށް މީހުން އަހުލުވެރިކުރުން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
އިސްކަންދަރު ބިލްޑިންގގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ސައިބަރ އެކްސްޕޯ 2024 ގެ ވެބްސައިޓް ލޯންޗުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
ސައިބަރ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 10 އިން ފެށިގެން 13 އަށެވެ.

