ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 56 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ސައުތު ޕޮލިސް (ގއ، ގދ، ޏ، ސ)ގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާއި 7 އަހަރުގެ އަންހެން ކުއްޖަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ ހަތަރުވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 56 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ނާޒުކު އަދި ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

