މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފެށި ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 47 މީހުން ފަރުވާގެ ނިޒާމަށް ވައްދާފައިވާ ކަމަށް އެންޑީއޭގެ ބޯޑުގެ ޗެއަރ ޕަރސަން ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ޚާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދެއްވަމުން ލުބްނާ ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
މި އޮޕަރޭޝަންގެ ދަށުން، މަގުމަތީ ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށް އެ މީހުންނަށް ބޭނުންވާ ފަރުވާދޭނެ ކަމަށް ލުބްނާ ވިދާޅުވިއެވެ.
މީގެއިތުރުން ލުބްނާ ވިދާޅުވީ އެންޑީއޭގެ ޓްރީޓްމެންޓް ހަރުދަނާކުރާއިރު ރިލެޕްސް ޕްރިވެންޝަން އަދި ރީއިންޓެގްރޭޝަން، އާފްޓަރކެއަރގެ އިތުރުން ޑްރަގް ޕްރިވެންޝަން މަސައްކަތްތައް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައްވާނެ ކަމަށެވެ.
ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ކ.ހިންމަފުއްޓާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާއިރު، ލުބްނާ ވިދާޅުވީ ރިމާންޑް ސެންޓަރުތަކާއެކު ގިނަ ހައްލުތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި މުޖުތަމައުގައި މަސްތުވާތަކެތި ބޭނުންކޮށްގެން ކުށްކުރާ މީހުން ހުއްޓުވުމަކީ އަމާޒެއް ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރުގައި މި މައްސަލައަށް ދާއިމީ ހައްލު ހޯދުމައްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ލުބުނާ ވިދާޅުވިއެވެ.

