މޫސުމީ ބަދަލުތަކާގުޅޭ ލަނޑުދަނޑިތައް ހާސިލުކުރާ މިންވަރަކުން ދަރަނި މައާފުކޮށްދިނުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަޒަރުބައިޖާނުގައި ކުރިއަށްދާ ކޮޕް-29 ގެ ހަވާސާގައި، މޫސުމީ ބަދަލުތަކާ ބެހޭގޮތުން ބޭއްވުނު ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ޑރ މުއިއްޒު ވިދާޅުވީ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން މޫސުމީ ބަދަލުތަކާގުޅޭ ލަނޑުދަނޑިތައް ޙާސިލްކުރާ މިންވަރަކުން ދަރަނި މަޢާފުކޮށްދިނުން މުހިންމުކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީއަށް ވަރަށް ބޮޑު އަސަރެއްކުރާ ކަމަށެވެ. އަދި ކުރިއަށްއޮތް 10 އަހަރަށް ކުދި ޖަޒީރާ ގައުމުތަކުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ އެޖެންޑާއެއް އެކުލަވާލާފައިވާ ކަމަށާއި، ނަމަވެސް އެކަށޭނަ ފައިސާއާ ނުލައި އެ ލަނޑުދަނޑިތައް ހާސިލު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު ހުށަހެޅުއްވި ތިން ކަމެއްގެ ތެރޭގައި ހިމެނެނީ:
1. އދ. އާއި ބައިނަލްއަގުވާމީ ޑިވަލޮޕްމެންޓް ބޭންކުތަކާއި، ބައިނަލްއަގުވާމީ މާލީ މަރުކަޒުތަކުން ކުދި ޤައުމުތަކަށް މާލީ އެހީދިނުމަށް ގުޅިގެން މަސައްކަތްކުރުން.
2. ކުދި ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އައު އީޖާދީ ގޮތްތައް ހޯދުން. މިގޮތުން މޫސުމީ ބަދަލުތަކާ ބެހޭގޮތުން ދުނިޔެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ކުދި ގައުމުތަކުން ހާސިލު ކުރާ މިންވަރަކުން ދަރަނި މައާފުކޮށް ދިނުން.
3. ކޮޕް29 ނިމިގެންދާއިރު ކުދި ޤައުމުތަކުގެ ބޭނުންތަކަށް އެކަށީގެންވާ މާލީ އެހީދިނުމުގެ ލަނޑުދަނޑިތަކެއް ކަނޑައެޅުމާއި، ހަރުދަނާ ބައިނަލްއަޤުވާމީ ކާބަން މެކޭނިޒަމް މާކެޓެއް ގާއިމު ކުރުން.
ރައީސް ޑރ މުއިއްޒު ވިދާޅުވީ ދަރަނި މައާފުކޮށްދިނުމުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި އެ ބަދަލުތަކަށް ވިލުންތެރިވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ކުރިއެރުވޭނެ ކަމަށެވެ. އަދި މިހާރުވެސް ކުދި ޖަޒީރާ ގައުމުތަކުން ބޮޑު ހަރަދެއް ދަނީ މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް ޚަރަދުކުރުމަށްވުރެ ދަރަނި އަދާކުރުމަށް ކަމަށް ފާހަގަ ކުރެއްވިއެވެ.
ރައީސް ޑރ މުއިއްޒު ވާހަކަފުޅު ނިންމަވާލެއްވީ، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ހުރިހާ ކުދި ޖަޒީރާ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ގޮވާލައްވަމުންނެވެ.

