މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، “މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން” ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ސަރުކާރުގެ ނުފޫޒު ވަދެ، މިނިވަން މީޑިއާގެ ވެށި ގެއްލޭނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.
ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މި ބިލުގެ ސަބަބުން ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ބޮޑަށް ހުރަސްތައް އެޅޭނެ ކަމަށެވެ.
އެމްޖޭއޭގެ ބަޔާނުގައި ވަނީ ބިލާ ގުޅޭގޮތުން މިހާތަނަށް އެ ޖަމިއްޔާއަށް ފާހަގަކުރެވުނު މައިގަނޑު ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ކޮމިޝަން ހިންގުމުގެ ހުރިހާ ބާރެއް ރައީސްއަށް ދީފައިވާއިރު، އެ މަގާމާއި ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމެއްގެ ގޮތުގައި އޮތުން.
- ބިލުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި މީޑިއާތަކުގެ ލައިސެންސް ހިފެހެއްޓޭނެ ކަމަށް ބަޔާން ކޮށްފައިވާއިރު، ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތައް ކުރެވޭނެ ގޮތަށް ބިލު އެކުލަވާލައިވުން.
- ކޮމިޝަނުގެ ހަތް މެމްބަރުންގެ ތެރެއިން އަގުލަބިއްޔަތު މެމްބަރުން ކަމަށްވާ ހަތަރު މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ނަން ފޮނުވައިގެން އައްޔަންކުރާ މެމްބަރުން ކަމުގައިވުން.
އެމްޖޭއޭއިން ބުނީ މިކަމުގެ ސަބަބުން މީޑިއާ ރެގިއުލޭޓް ކުރުމަށް ސަރުކާރުގެ ނުފޫޒު ވަދެ މީޑިއާތަކާއި ނޫސްވެރިންނަށް އޮތް މިނިވަންކަމަށް ސަރުކާރުގެ ބާރާއި ނުފޫޒުތައް ވަދެ މިހާރު މި އޮތް މިންވަރަށް ވެސް މިނިވަން މީޑިއާގެ ވެށި ގެއްލިގެންދާނެ ކަމަށެވެ.
އެ ޖަމިއްޔާއިން އަބަދުވެސް ގަބޫލުކުރާ ހަމައަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިހްތިޔާރު އޮންނަން ވާނީ އަމިއްލައަށް އެކަން ކުރާ ގޮތަށް ބުރަވާ ގޮތަށް ކަމަށް އެމްޖޭއޭ އިން ބުނެފައި ވެއެވެ. އަދި މީޑިއާގެ މައިގަނޑު އެއް މަސައްކަތަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އަދި ބާރުވެރިންގެ އަތްމައްޗަށް ފާރަވެރިވެ އެ މީހުން ޒިންމާދާރު ކުރުވުން ކަމަށް ފާހަގަކޮށްފައިވެއެވެ.
“ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެއް،” އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޖޭއޭއިން އިތުރަށް ބުނެފައިވަނީ ބިލާ އެކު މީޑިއާތަކަށް އެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ބާރު ގެއްލި، ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާ ތެރެއަށް ވަދެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެންދާނެ ކަމަށެވެ.
މި ބިލަކީ ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް ބޮޑު ނުރައްކަލެއް ކަމަށް ދެކޭ އެމްޖޭއޭއިން ގޮވާލާފައިވަނީ މި ބިލު އަނބުރާ ގެންގޮސް، މީޑިއާގެ މިނިވަންކަން ހިމާޔަތް ކޮށްދޭ ގޮތަށް އަލުން އެކުލަވާލުމަށެވެ. އަދި އެކަމަށް މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ވެސް އެމްޖޭއޭ އިން ވަނީ ގޮވާލާފައެވެ.

