ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ގާނޫނު އުވާލުމަށްފަހު ދައުލަތުގެ ކުންފުނިތަކާ ގުޅޭ އާ ގާނޫނެއް އެކުލަވާލައި، ސަރުކާރު ހިއްސާވާ ކުންފުނިތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ގެންނަން ސަރުކާރުން ނިންމައިފިއެވެ.
2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ޕޮޒިޝަން ރިޕޯޓުގައި ބުނެފައިވާ ގޮތުން، ސަރުކާރުން ނިންމާފައިވަނީ އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ އާ ގާނޫނެއްގެ ބިލް މަޖިލީހަށް ފޮނުވުމަށެވެ. މި ގާނޫނަކީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ ލަފައާ އެއްގޮތަށް، ކުންފުނިތައް ހިންގުމުގެ އެންމެ ރަނގަޅު އުސޫލުތައް ހިމެނޭ ގާނޫނެއް ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި އައު ގާނޫނުގެ ދަށުން، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސާފު ގަވަރނަންސް އޮނިގަނޑެއް ގާއިމްކުރެވި، ކުންފުނިތަކުގެ މިލްކުވެރިކަމުގެ ސިޔާސަތުތަކާއި ހިންގުމުގެ މިންގަނޑުތައް ކަނޑައެޅިގެންދާނެއެވެ. އަދި ޕީސީބީ ގާނޫނު އުވާލެވި، އޭގައި ހުރި މުހިންމު ނުކުތާތައް ވެސް މި އައު ގާނޫނަށް އިތުރުކުރެވޭނެއެވެ.
ޕީސީބީ އުވާލުމާ ގުޅިގެން، ކުންފުނިތަކާ ގުޅުންހުރި ކަންކަން ބަލަހައްޓަމުންދާނީ ފިނޭންސް މިނިސްޓްރީންނެވެ. މީގެ އިތުރުން، އައު ގާނޫނުގެ ތެރެއިން ކުންފުނިތަކަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ނެގުމާއި، ޕްރޮކިއުމެންޓް ނިޒާމުގައި ހުރި އުނިކަންކަން މަދުވެގެންދާނެ ކަމަށް ބަޖެޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ސަރުކާރުން ވަނީ ބައެއް ކުންފުނިތައް އެއްކޮށްލުމަށާއި އަނެއްބައި ކުންފުނިތައް އުވާލުމަށްވެސް ނިންމާފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފިސްކަލް ހިރާސްތައް ކުޑަކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ. އެގޮތުން:
- އެސްޓީއޯއިން ފެނަކައިގެ 100 އިންސައްތަ ހިއްސާ ގަނެ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމުން
- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްސީއެލް) އާއި އެއްކޮށްލުން
- ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ 100 އިންސައްތަ ހިއްސާވާ ސަބްސިޑިއަރީ ކުންފުންޏަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ބަދަލުކުރުން
- އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް އުވާލުން
- މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލުން
ކުންފުނިތަކަށް މި ގެނެވޭ ބަދަލާއެކު، ކުންފުނިތަކަށް ހޭދަވާ ރުފިޔާ ބަޖެޓުން ސަލާމަތްކުރެވި އާމްދަނީ އިތުރުކުރެވި، އިސްވެސްޓްމެންޓްތައް އިތުރު ކުރެވިގެންދާނެކަމަށް ބަޖެޓް ރިޕޯޓުގައި ބުނެފައިވެއެވެ.

