ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ކުރިން، މިދިޔަ މަހުގެ 17 ވަނަ ދުވަހު އެންޑީއޭގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވި ގޮތުގައި، ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން ފުލުހުން މެދުވެރިކޮށް މަގުމަތިން ނަގަން ފަށާފައިވެއެވެ. އޭނާ އިތުރަށް ވިދާޅުވީ، ފަރުވާއަށް އަންނަން ޖެހޭ 200 އަށް ވުރެ ގިނަ މީހުން ތިބި ކަމަށާއި، މި މަސައްކަތުގެ އަމާޒަކީ އެ މީހުން ފަރުވާގެ ނިޒާމަށް ވެއްދުން ކަމަށެވެ.
“މަގުމަތީގަ ފަރުވާއަށް ނުގޮސް ހުކުމް ތަންފީޒުނުވެ ހުރުމުގެ ފުރުސަތު ދެނެއް އަޅުގަނޑުމެންނެއް ނުދޭނަން. ފަރުވާއަށް އަންނަން ޖެހޭ 200އަށް ވުރެ ގިނަ މީހުން އެބަތިބި. އޭގެ ތެރޭގައި އެކި ހާލަތްތަކުގަ ތިބި މީހުން ތިބޭނެ. އޭގެ ތެރޭގައި ކޮމިއުނިޓީއަށް ހުކުމްކޮށްފަ ތިބި މީހުން ވެސް އެބަތިބި. ބޮޑަށް މި ފޯކަސްކުރަނީ އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއަށް ނުވަދެ ތިބި މީހުން ހަމަމަގަށް އަޅުވާ އެ މީހުން ފަރުވާގެ ނިޒާމަށް ވެއްދުން.” އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެފައިވެއެވެ.
އެކަމަކީ ވެސް އުސޫލެއްގެ ތެރެއިން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވައި ރާޝިދު ވިދާޅުވީ ޑްރަގް ފަރުވާއަށް ހުކުމްކޮށްފައި ތިބޭނީ އެންޑީއޭއަށް ފަރުވާއަށް އަންނަން އަންގާފައިވާ މީހުން ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އެންޑީއޭ ގުޅިގެން ފެށި ހާއްސަ ރިމާންޑް އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 47 މީހުން ފަރުވާގެ ނިޒާމަށް ވައްދާފައިވާ ކަމަށް ވެސް މިއަދު އެންޑީއޭއިން ބުނެފައިވެއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އެންޑީއޭ ގުޅިގެން ފެށި ހާއްސަ ރިމާންޑް އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 47 މީހުން ފަރުވާގެ ނިޒާމަށް ވައްދާފައިވާ ކަމަށް އެންޑީއޭއިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ވެސް ފަށާފައިވެއެވެ. މި މަރުކަޒުތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.

