މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާ އާއި އިދިކޮޅު ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން" ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު ނުވާހާ ހިނދަކު، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުން ކަމެއް ކުރުމުގެ ޙައްޤު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލެއް ކަމަށާއި، މި ބިލުގެ ދަށުން މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް ލައިސަންސް ބާޠިލް ކުރުމުގެ ބާރު ލިބިދޭ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ވަރަށް ބޮޑަށް ހަނިވާނެ ކަމަށެވެ. އަދި މި ބިލަކީ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް އެމްޖޭއޭ އިން ދެކޭ ކަމަށް ވެސް ބުނެފައިވެއެވެ. ބައެއް ނޫސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ކޮމިޝަންގެ އެކުލަވާލުމުގައި ސަރުކާރުގެ ނުފޫޒު ބޮޑުވެ، މީޑިއާގެ މިނިވަންކަމަށް އަސަރުކުރާނެ ކަމުގެ ބިރު ހިމެނެއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނޫން ކަމަށާއި، މި ބިލު ފާސްކުރުމާ މެދު ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުން އަދި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.

