ގދ.ތިނަދޫ ސިޓީގެ ފްލެޓުތަކުގައި މީހުން ދިރިއުޅޭ ފަރާތްތައް ދިރިއުޅެނީ ވަރަށް ނިކަމެތި ހާލުގައި ކަމަށް ވިދާޅުވެ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުالله ޙިލްމީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވާހަކަ ދައްކަވަމުން ސަޢުދުﷲ ވިދާޅުވީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ތިނަދޫ ސިޓީގައި އިމާރާތްކުރި ފްލެޓުތަކަށް، 2019 ވަނަ އަހަރު ނޮވެންބަރު ހިސާބުގައި މީހުން ވެއްދުމަށްފަހު، ކަންތައްތަކެއް ކޮށްދޭން އޭރުގެ ސަރުކާރުން ނިންމައި، އެ މީހުންނަށް އެކަން ކޮށްދޭނެކަމުގެ ޔަގީންކަން ދީފައި އޮތް ކަމަށެވެ. ނަމަވެސް ސަރުކާރު ނިމި މިއަދާ ހިސާބަށް އައިއިރު ވެސް އެ މީހުންނަށް އެކަން ކޮށްދީފައިނުވާ ކަމަށް ސަޢުދުﷲ ވިދާޅުވިއެވެ.
ވޭތުވެދިޔަ ސަރުކާރުން އެއްވެސް ގޮތަކަށް އެ މީހުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ މަގެއް
ކޮށައިދީފައިނުވާ ކަމަށް ވެސް ސަޢުދުﷲ ވިދާޅުވިއެވެ.
ސަޢުދު ﷲ ފާހަގަކުރެއްވި ގޮތުގައި ތިނަދޫ ސިޓީގެ ފްލެޓުތަކުގައި ދިރިއުޅެމުންދާ މީހުންނަށް ފެނުގެ
ކަންތައްތައް އިންތިހާއަށް ބޮޑެވެ.
ބެހެއްޓިފައި ހުރީ ވަރަށް ކުޑަ ވަޅެއް. ވަޅު ބޮޑުވާންޖެހޭ. އަދި ޕަމްޕުތަކުން ފެންއަރާ ގޮތް ހެދެންޖެހޭ. ހަމަ އެއާއެކީގައި އިމާރާތުގެ އެކިއެކި ބައިތަކުން ފައިބަމުންދާ ފެން ހުއްޓޭނެ ގޮތެއް ހެދެންޖެހޭ.
މީގެއިތުރުން ކަރަންޓަށް ދިމާވާ މައްސަލަތައް ވެސް ހައްލުކުރަންޖެހޭކަން ވެސް ސަޢުދުﷲ ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މިހާރު ވެސް 120 ފްލެޓުގައި ދިރިއުޅެމުންދާ 120 ޢާ އިލާއެއްގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އެހެންކަމުން، އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް ބަޖެޓުގައި އެކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް.
ސަޢުދުﷲ އިތުރަށް ވިދާޅުވީ މިހާރު ވެސް ތިނަދޫ ސިޓީގައި ފްލެޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެހެންނަމަވެސް އެ ފްލެޓުތަކުގެ މަސައްކަތް ކުރަމުންދާއިރު އެކަން ކުރަނީ ރަނގަޅަށްތޯ ބަލާނެ ބަޔަކު ނެތް ކަމަށެވެ.
އެހެންވުމުގެ ސަބަބުން ކޮންޓްރެކްޓަރު ހިތަށްއެރި ގޮތަކަށް މަސައްކަތްކޮށް ނިންމާފައި އެ މީހުން ފައިބައިގެންދާނީ ކަމަށާއި، އެއަށްފަހުގައި ދިމާވާ ހުރިހާ ކަމެއް ހައްލުކުރަން މި ޖެހެނީ ސަރުކާރުތަކުން ކަމަށް ސަޢުދުﷲ ވިދާޅުވިއެވެ.
ސަޢުދުﷲ ވިދާޅުވީ ފްލެޓުތަކުގައި ފާރުތައް ރޭނުމުގެ ބަދަލުގައި ކުރަމުންދަނީ ކޮންކްރީޓު ކަމަށާއި، ކޮންކްރީޓް ކުރަނީ ދަގަނޑު ލައްވައިގެން ކަމަށެވެ. އަދި ކަވަރު ނުލިބިއްޖެ ކަމަށްވާނަމަ ދުވަސްކޮޅަކުން ފާރު ފަޅައިގެންދާނެ ކަމަށާއި، އެއާއެކު މުޅި އިމާރާތަށް އޭގެ އަސަރުކުރާނެ ކަމަށެވެ.
އެހެންކަމުން ކޮންކްރީޓް އެޅުމުގެ ކުރިން ރަނގަޅަށް ބެލޭނެ އިންތިޒާމެއް ހަމަޖައްސަންޖެހޭ ކަމަށް ވެސް ސަޢުދުﷲ ވިދާޅުވިއެވެ.

