ބަންކަރިންގެ ޚިދުމަތުގެ ތެރެއިން ބޭރުގެ އާގުބޯޓުފަހަރަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 200 ޓަނުގެ ފެން ރައްކާކުރެވޭ ބާޖެއް ޚިދުމަތަށް ނެރެފިއެވެ.
ދިވެހިރާއްޖޭގައި މެރިޓައިމް ދާއިރާ ފުޅާކޮށް މި ދާއިރާއާއި ގުޅުންހުރި ހިދުމަތްތައް ފުޅާ ކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ބަންކަރިންގެ ޚިދުމަތަކީ މީގެތެރެއިން ރައީސް އެންމެ ބޮޑު އަހަމިއްޔަތުކަން ދެއްވި އެއް މަޝްރޫއުއެވެ.
ބަންކަރިންގެ ޚިދުމަތަށް ތެޔޮ ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ. އެމްޕީއެލްއިން ވަނީ ވޯޓާ ބަންކަރިންގެ ޚިދުމަތާއެކު 14 ޚިދުމަތެއް ދިނުމަށް ނިންމާފައެވެ.
ވޯޓަރ ބަންކަރިން ޚިދުމަތަށް ބާޖު އިތުރުކުރެވުމުން މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވިއެވެ.
ސީއީއޯ ވަޖީހު ވިދާޅުވީ މެރިޓައިމް ދާއިރާ ފުޅާކުރުމަކީ ރައީސުލް ޖުމްހުރިއްޔާގެ ރިޔާސީ ވައުދުފުޅެއްކަމުން މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނޭ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގުތިސާދުގައި މުހިންމު ސިނާއަތެއްކަމުން މެރިޓައިމް ދާއިރާގެ ތަފާތު ޚިދުމަތްތައް މިދައުރުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ. އަދި މި މަސައްކަތްތައް ކާމިޔާބު ވާނެކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.
ރާއްޖެއިން މިހާރުވެސް ފަށައިގެން ކުރިއަށްދާ ސީޓުއެއަރ ކާގޯގެ ޚިދުމަތަކީ މި ސަރަހައްދުގައި މިހާރު ވަރަށް ފުޅާވެފައިވާ ޚިދުމަތެކެވެ. ދުނިޔޭގެ ބޮޑެތި އެއަރލައިން ތަކުން މި ޚިދުމަތާ ގުޅެމުންދާއިރު އެމްޕީއެލް މެދުވެރިކޮށް ގިނަ އަދަދެއްގެ މުދާ އަވަސް ޚިދުމަތުގައި ދުނިޔޭގެ އެކިއެކި ގައުމުތަކަށް ދަނީ ފޮނުވަމުންނެވެ.

