މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމާއެކު އިގުތިސާދީ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް، ދިވެހި ސަރުކާރާއި، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އިސް ދައުރެއް އަދާކުރާ ޖަމްއިއްޔާއެއް ކަމަށްވާ ދަ ނޭޗަރ ކޮންސަރވަންސީ (ޓީއެންސީ) އާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރީ އަަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި ކުރިއަށްދާ ކޮޕް 29 ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޓީއެންސީއާއެކު ގާއިމުކުރާ ޕާޓްނަރޝިޕަކީ ދެމެހެއްޓެނިވި އަދި ފާގަތި މުސްތަގުބަލަކާ ދިމާއަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ގުދުރަތީ ގޮތުން ދިމާވާ ގޮންޖެހުންތަކާ ގުޅުންހުރި ހައްލުތަކަށް ދެމެހެއްޓެނިވި ފައިނޭންސިންގ ހޯދުމަކީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިންމުކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ޕާޓްނަރޝިޕް މެދުވެރިކޮށް ފަހިކުރެވޭ ފައިނޭންސިންގ ނިޒާމުތަކުން ފައިސާ ހޭދަކުރާނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތާއި، ރަށްރަށުގެ އިގުތިސާދު ކުރިއެރުވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރު ކުރުމަށެވެ. އަދި މި ޕާޓްނަރޝިޕް މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކުގެ އަލީގައި ރާއްޖޭގެ މެދު ރާސްތާގެ މެކްރޯ-ފިސްކަލް ސްޓެބިލިޓީއާއި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

