ދެމެހެއްޓެނިވި ތަރައްގީއާއި ވިލުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ އެއްބާރުލުން ލިބޭނެކަމަށް އެ ބޭންކުގެ ރައީސް އަދި ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރ ޖިން ލީޗުން ވިދާޅުވެއްޖެއެވެ.
އޭއައިއައިބީގެ ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އޭ.އައި.އައި.ބީ އިން ރާއްޖެއަށް ދެއްވާ އެހީއަށް ޝުކުރުއަދާކުރައްވައި، އެ އެހީތެރިކަމަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް ޒަރޫރީ އެހީއެއްކަން ފާހަގަ ކުރައްވާފައެވެ. އަދި ދިވެހިރާއްޖެއިން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ، ގައުމީ ތަރައްޤީގެ 20 އަހަރުގެ މާސްޓަރ ޕްލޭން ފަދަ ދުރު ރާސްތާއަށް އެކަށައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް، އޭ.އައި.އައި.ބީގެ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އޭ.އައި.އައި.ބީގެ ރައީސް ޖިން ގެ ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީއަށާއި ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި އޭ.އައި.އައި.ބީގެ އެއްބާރުލުން ލިބެމުންދާނޭކަމުގެ ޔަގީންކަން އަރުވާފައެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ލީޑަރުންވެސް ވަނީ، ވަސީލަތްތައް ސިންދަފާތުކުރުމުގެ މުހިންމުގެ މައްޗަށް މަޝްވަރާކޮށް، ރާއްޖޭގެ މޫސުމީ އަދި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުންހުރި ދާއިރާތަކުގައި އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

