ކޯވިޑުގައި ހިލޭ އެހީގެ ގޮތުގައި ދިން 4 ބިލިޔަން ރުފިޔާއަށް ވީގޮތެއް ނޭނގޭ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ މިދިޔަ ސަރުކާރުގައި ކޯވިޑް-19އާ ގުޅިގެން ބޭރުގެ އެކި ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ދިން ފައިސާއިން 4 ބިލިޔަން ރުފިޔާއަށް ވީގޮތެއް ނޭނގޭ ކަމަށެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވެފައިވަނީ “ހަފްތާ52″ގެ ނަމުގައި ގެނެސްދިން ހާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެކުވެރި ދައުލަތްތަކުންނާއި ބޭރުގެ އެހީދޭ އެކި ފަރާތްތަކުން ކޯވިޑާ ގުޅިގެން ރާއްޖޭގެ ހާލަތު މެނޭޖު ކުރުމަށް ހިލޭ އެހީގެ ގޮތުގައި 565 މިލިޔަން ޑޮލަރު ނުވަތަ 8.7 ބިލިޔަން ރުފިޔާގެ ހިލޭ އެހީ ދީފައިވެއެވެ.
ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، މިދިޔަ ސަރުކާރުގެ އެކްސްޕެންޑިޗަރ ރިޕޯޓްތަކުން ދައްކާގޮތުގައި 4.2 ބިލިޔަން ރުފިޔާ ކޯވިޑާއި ގުޅިގެން ހޭދަ ކޮށްފައިވާ ކަމަށް ދައްކައެވެ. ނަމަވެސް އަނެއް 4 ބިލިޔަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުގެ ސުވާލަކީ ކޮބާހޭ ކޯވިޑަށް ލިބުނު އަނެއް 4 ބިލިޔަން ރުފިޔާ. އެ ފައިސާއަށް ވީ ގޮތާއި ކޮންބައެއްގެ އެކައުންޓްތަކަކަށްތޯ، އެ ފައިސާ ދިޔައީ ނުބެލޭކަމަށްވަންޏާ ރައްޔިތުންގެ އިތުބާރު އެބަޔަކާ ދޭތެރޭގައި ގެއްލިގެންދާތަން މާޒީގައި ފެނިފައި އޮތީ. ދައުލަތުން ވައްކަން ކޮށްފިކަމަށްވާނަމަ އެކަން ބެލޭނެ ޖާގަ މިއަދު އެބައޮތް،” ވަޒީރު ސައީދު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި، ކޯވިޑާ ބެހޭ އޮޑިޓެއް ސަރުކާރުން ހަދަމުންދާ ކަމަށާއި އެ އޮޑިޓް ނިމުމުން ވީ ހިޔާނާތުގެ ތަފްސީލު އެނގިގެންދާނެއެވެ.
މީގެ އިތުރުން، ވަޒީރު ސަޢީދު ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ނުރައްކާތެރި އިޤްތިސާދީ ހާލަތަކުން އަރައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅުތަކަށް ވަޒީރު ވަނީ ތައުރީފު ކުރައްވާފައެވެ. އަންނަ އަހަރު ރާއްޖޭގައި ވަރަށް ހަރަކާތްތެރި އިޤްތިޞާދެއް އޮންނާނެކަމަށްވެސް އެ މަނިކުފާނު ވިދާޅުނު ވިދާޅުވިއެވެ.

