ބަންކަރިންގެ ހިދުމަތުން މިހާތަނަށް 1.5 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ “ހަފްތާ52” ގެ ނަމުގައި ގެނެސްދިން ހާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިގުތިސާދު އޮތް ދަތި ހާލަތުގައިވެސް، އޮފްޝޯ ފެސިލިޓީއެއްގެ ގޮތުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށްފަހު މިހާތަނަށް 1.5 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް އުތުރުގައި ފެށީ މިއަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ. މި ހިދުމަތް ފޯރުކޮށްދިނުމަށް އެސްޓީއޯއިން ވަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓު ރާއްޖެ ގެނެސްފައެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ މަޝްރޫއުގެ ދަށުން ބަނދަރު ހަދާނެ ފަރާތެއް މިހާރު ލިބިފައިވާ ކަމަށާއި، އިންޓަނޭޝަނަލް ފައިނޭންސިން ސެންޓަރު ގާއިމު ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ސަރުކާރުގެ ލަފާކުރުންތަކާ އެއްގޮތަށް، ބަންކަރިންގެ ހިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިޔަން ޑޮލަރު ވަންނާނެކަމަށް ބެލެވެއެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، ބަންކަރިންއާ ގުޅިފައިވާ އެހެން ހިދުމަތްތައް ދިނުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ އުތުރު މެރިޓައިމް ސަރވިސަސް ގާއިމު ކޮށްފައެވެ. މި ޚިދުމަތްތަކުގެ ތެރޭގައި ޕައިލޮޓޭޖް، ޑޮކިންގ، ކުރޫ ބަދަލުކުރުން އަދި މެއިންޓަނަންސް ފަދަ މުހިންމު ހިދުމަތްތައް ހިމެނެއެވެ.
މި އައު ސިނާއަތުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޭރު ފައިސާ ވަނުމުގެ އިތުރުން، ވަޒީފާގެ އައު ފުރުސަތުތަކެއް އުފެދި، ގައުމުގެ އިގުތިސާދީ ދުވެލި އިތުރު ވާނެ ކަމަށް ބެލެވެއެވެ.

