ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެނޓޯނިއޯ ގުޓެރޭޒްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ އަޒަރުބައިޖާންގައި ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ) ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29) ގެ ހަވާސާގައެވެ.
އިއްޔެ ބޭއްވެވި މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާއި އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެއިތުރުން ރައީސް ވަނީ ސިޑްސް ގައުމުތަކުގެ މައްސަލަތަކަށް ވަކާލާތުކުރުމުގައި އދ. އިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ވަނީ ސިޑްސް ގައުމުތަކުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އދ. އިން ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ. އަދި ބައިނަލްއަގުވާމީ މާލީ އިދާރާތައް މި މަސައްކަތުގައި ޝާމިލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މޫސުމީ ބަދަލުތަކާއި، ވިލުންވެރިކަމާއި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެފަރާތުން ވެސް އިތުރު އެެއްބާރުލުން ދިނުމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

