ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރަން ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުތަކާއި އިޖުރާއަތުތައް ފުރިހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވިފައިވާ ގޮތް އިއުލާނުކޮށް އިއްޔެ އާންމުކުރި ލިސްޓް މުރާޖައާ ކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕީއެންސީއިން ރޭ ނެެރުނު ބަޔާނެއްގައި ބުނީ އިއްޔެ އާންމުކުރި ލިސްޓާ ގުޅިގެން ބައެއް ފަރާތްތަކުން ބައެއް ކަންކަން ފާހަގަކޮށްފައިވާ ކަމަށާއި، އެ ކަންކަން ބެލިއިރު ލިސްޓުގައި އިދާރީ މައްސަލަތައް ކޮންމެވެސް ވަރަކަށް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ އެ މައްސަލަތައް ހައްލުކުރުމަށްޓަކައި ލިސްޓް މުރާޖައާ ކުރަމުންދާ ކަމަށް ޕީއެންސީއިން ބުންޏެވެ.
ލިސްޓް މުރާޖައާ ކުރުމަށްފަހު ޝަރުތުތަކާއި އިޖުރާއަތުތައް ފުރިހަމަވާ ކެންޑިޑޭޓުންގެ ފުރިހަމަ ލިސްޓް މި މަހުގެ 16 ވަނަ ދުވަހު އާންމުކުރާނެ ކަމަށް ވެސް ޕީއެންސީއިން ބުންޏެވެ.
ޕީއެންސީއިން އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން އިންތިޚާބު ބާއްވަންޖެހޭ މަގާމުތަކަކީ ދާއިރާގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތައް، ދާއިރާގެ ނައިބު ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތައް، އަންހެނުންގެ ހަރަކާތުގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކާއި ރަށްތައް، ޒުވާނުންގެ ހަރަކާތުގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކާއި ރަށްތައް އަދި ސްޓިއަރިން ކޮމިޓީތަކުގެ މަގާމުތަކަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކާއި ރަށްތަކެވެ.

