ސްމާޓް ހޯނޑެއްދޫ ޕްރޮޖެކްޓާ ގުޅޭގޮތުން ހޯނޑެއްދޫ ކައުންސިލުން އިންޑިއާ އެމްބަސީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި މަހުގެ 13 ވަނަ ދުވަހު އިންޑިއަށް ހައިކޮމިޝަނުގައި ބޭއްވި އެ ބައްދަލުވުމުގައި ސްމާޓް ހޯނޑެއްދޫ މަޝްރޫޢު އަށް އިންޑިއަން އެމްބަސީ އިން އެހީތެރިކަން ފޯރުކޮށްދެވޭނީ ކޮންގަތަކުންތޯއާއި މަޝްރޫޢަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދުމާއި ޓެކްނިކަލް އެހީތެރިކަން ހޯދުމަށް ހައިކޮމިޝަނަރ މަޝްވަރާކޮށްފައި ކަމަށް ހޯޑެއްދޫ ކައުންސިލުން ވަނީ ބުނެފައެވެ.
ސްމާޓް ހޯނޑެއްދޫ ޕްރޮޖެކްޓަކީ 10 އަހަރު ދުވަހަށް ޕްލޭންކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ”ވަރުގެ” ޕޯޓަލް މެދުވެރިކޮށް ހޯނޑެއްދޫ ކައުންސިލުން ދޭ ޚިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމާއި ޝަކުވާވެސް ހުށަހެޅޭނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ. އަދި މީގެ އިތުރުން ސްޓްރީޓް ލައިޓްތައް ސޯލާ ލައިޓަށް ބަދަލުކުރުމާއި ރަށުގެ ސެކިއުރިޓީ ބެލެހެއްޓޭގޮތަށް މުހިންމު ހުރިހާ ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.
މި ޕްރޖެކްޓާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ އިތުރުން ހޯޑެއްދޫ ސްޓޭކްހޯލްޑަރުންނާއެކު ހޯނޑެއްދޫ ކައުންސިލުން ވަނީ ބައްދަލުވުންތައް ބާއްވާފައެވެ. އަދި މި ޕްރޮޖެކްޓާގުޅޭގޮތުން ޚިޔާލު ހޯދުމަށްވެސް އެކައުންސިލުން ވަނީ އާންމުންނަށް ހުޅުވާލާފަ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

