އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން “ބަދަހި އާއިލާ – އުފާވެރި މުޖުތަމައު” މި ޝިއާރުގެ ދަށުން 16 ނޮވެމްބަރ ވާ ހޮނިހިރު ދުވަހު ހާއްސަ އާއިލީ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަވީރަކީ ހަފްތާ 52 ގެ ކާމިޔާބީތަކާ ގުޅިގެން ބާއްވާ ހަވީރެކެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވިގޮތުގައި މި ހަވީރުގެ މައިގަނޑު މަގުސަދަކީ އާއިލީ މާހައުލެއްގައި، އެ ވުޒާރާއިން ފާއިތުވި އަހަރު ތެރޭގައި ކުރެވުނު މަސައްކަތްތަކުން ހާސިލުކުރެވުނު ކާމިޔާބީތައް ރައްޔިތުންނާ ހިއްސާކުރުމެވެ. މީގެ އިތުރުން، އަންހެނުންނާއި، ކުޑަކުދިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކާއި، މި ވުޒާރާއިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީވެސް މި ހަވީރުގެ މުހިންމު މަގުސަދެކެވެ.
މި ހަވީރު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ހަވީރުގައި ތަފާތު ގޭމް ސްޓޯލްތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ތަފާތު މެސްކޮޓްތަކުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
މި ޢާއިލީ ހަވީރުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއެކު އިސްކޮށް ހަރަކާތްތެރިވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެވެ. އަދި މީގެ އިތުރުން، އުރީދޫއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި، ދިވެހި ފުލުހުންގެ ހިދުމަތާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީންވެސް މި ހަވީރުގައި ބައިވެރިވާނެއެވެ.

