މ.ދިއްގަރު ސިއްހީ މަރުކަޒުގައި ގާއިމުކުރި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ަްފަސްޓް ލޭޑީ ސާޖިދާ، މި ކްލިނިކް ހުޅުއްވައިދެއްވީ ދިއްގަރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.
ކްލިނިކް ހުޅުވައިދެއްވުމަށްފަހު އެކަމަނާ ވަނީ ކްލިނިކް ބައްލަވާލައްވައި، އެ ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
މީގެއިތުރުން ފަސްްޓް ލޭޑީ ވަނީ ދިއްގަރު ސިއްހީ މަރުކަޒުގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، ދިއްގަރު ސިއްހީ މަރުކަޒުގެ ފަރާތުންނާއި، އަދި ދިއްގަރު ކައުންސިލް އިދާރާގެ ފަރާތުން ވަނީ ފަސްޓް ލޭޑީއަށް ހަދިޔާއެއް ވެދުމަށް އަރުވާފައެވެ.
ފަސްޓް ލޭޑީ ދިއްގަރަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު މެންދުރުފަހު ދިއްގަރު ސްކޫލުގައި ބާއްވާ ހަކުރުބަލީގެ ދުވަހުގެ ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

