މި ސަރުކާރު އައި ފަހުން ފާއިތުވެދިޔަ މުއްދަތުގައި، އެކި މައްސަލަތަކުގައި 5,000 އެއްހައި ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙްސާން މިހެން ވިދާޅުވީ "ހަފުތާ 52" ގެ ނަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ރޭ ގެނެސްދިން ޚާއްސަ ޕެނަލްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމުން މިދިޔަ އެއްއަހަރު ތެރޭގައި ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެއިން އެއްކަމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރި މަސައްކަތްތަކުގެ ވާހަކަ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން އަންނަ ބިދޭސީންނާއި، ކުށްތަކަށް އަރައިގަންނަ ބިދޭސީން ހިފައި ހައްޔަރުކޮށް 48 ގަޑިއިރުތެރޭގައި ރާއްޖެއިން ބޭރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އެގޮތުން ގަވާއިދާ ޚިލާފަށް އުޅެމުން އައި ބިދޭސީންގެ ތެރެއިން މިދިޔަ އަހަރެއްހައި ދުވަހު 5,000 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ދުވަސްތަކުގައި ވަނީ ބޯޑަރު ހުރަސްކޮށް ގަވައިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު ވެސް އަނބުރާ ފޮނުވާލާފައެވެ.

