ތ.ގާދިއްފުށީ ގެއެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ޑްރަގް ހޯދައި، މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޮވެމްބަރު 13 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަމްބަރު ދރ 1344، ޙުސައިން ސަޙާފް (20އ) ކަމަށެވެ.
ފުލުހުން ބުނީ ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ގާދިއްފުށި ޕޮލިސް ޕޯސްޓު އަދި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ގާދިއްފުށީގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 32 ކަރުދާސްކޮޅު އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށެވެ.
މީގެއިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅު އެގޭ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، ތިމަރަފުށި ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

