މިސަރުކާރުން ކުރިއަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ، ރައްޔިތުންނަށް ތަނަވަސްކަން ހޯދައި ދިނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ މުއިއްޒުގެ މި ބަސްފުޅު އައިސްފައިވަނީ، ރާއްޖޭގެ މާލީ އަދި އިގުތިސާދީ ދާއިރާ އިސްލާހު ކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް ބައެއް ސިޔާސީ ފަރާތްތަކުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ. އެކްސް ޕޯސްޓުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، ތަނަވަސްކަމެއް ނެތް ރައްޔިތުންނަށް، ފައިދާއެއް ވާން ނޭދޭ ސިޔާސީވެރިން ރައްޔިތުންނށް ވަރަށް ސާފުކޮށް ފެންނަމުންދާނެ ކަމަށެވެ. މާލީގޮތުން ތަނަވަސްކަމެއް ނެތް ރައްޔިތުންނަށް އެހީވުމަށް، ހަމަހަމަކަމާއި އިންސާފުވެރި އުސޫލަކުން ހުރިހާ ރައްޔިތުންނަށްވެސް މަންފާ ލިބޭނެ އުސޫލުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅުވާ، ރައްޔިތުންނަށް ލާބައެއްވާން ނޭދޭ ސިޔާސީވެރިން ފެންނަމުންދާނެ ކަން ފާހަގަކުރެއްވުމާއެކު ރައީސް ޑރ މުއިއްޒު ވަނީ މިސަރުކާރުން ކުރިއަށްދާނީ އަބަދުވެސް ރައްޔިތުންގެ ފަޅީގައި އޮވެގެންކަން ޔަގީންކޮށްދެއްވާފައެވެ.
"ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!" ރައީސް ޑރ މުއިއްޒު، އެކްސްޕޯސްޓު
ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ސަރުކާރުން ވަނީ އިސްލާހީ ބައެއް ފިޔަވަޅުތައް އަޅުއްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ:
- ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދެއްކޭނެ ގޮތް ހެދުން
- ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ ޑޮލަރުން ޖަމާކުރެވޭނެ ބަދަލު ގެނައުން
- ޓެކްސް ބޭސް ބޮޑުކުރުން
- ސަބްސިޑީތަކަށް ބަދަލު ގެނައުން
މި ފިޔަވަޅުތަކަކީ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ މަގުޗާޓުގައި ހިމެނޭ ކަންކަމެވެ. ރައީސް ޑރ މުއިއްޒު ވަނީ މި އިސްލާހީ ފިޔަވަޅުތަކުގެ މުހިންމުކަން ފާހަގަ ކުރައްވާ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

