އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ ކުރިން، ފުލެޓް ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރައްވާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރު ޑރ އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ، މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ހިޔާވެހި ފައިނޭންސިން ސްކީމްގައި މަސްވެރިން ބައިވެރިކުރުމަށް ކުރެވިފައިވާ މަސައްކަތުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު އަދި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް، މީޑިއާތަކާއި ބައްދަލުކޮށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ހައިދަރުވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު އާދީއްތަ ދުވަހުގެ ކުރިން އިއުލާނުކުރައްވާނެ ކަމުގައެެވެ.
“މިހަފްތާގެ ނިޔަލަށް އަޅުގަނޑުމެން (ފުލެޓް ލިބޭ މީހުންގެ ލިސްޓް) އިއުލާން ކުރާނަން. އަންނަ ހަފްތާ ފެށޭ ދުވަހުގެ ކުރީ ދުވަހު (އަންނަ ހޮނިހިރު ދުވަހު)،” ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު
“ގެދޮރުވެރިޔާ” ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20607 މީހުން ފޯމު ހުށައެޅިއެވެ.
އޭގެތެރެއިން ޝަރުތު ހަމަވެ 13000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެއެވެ. އެހެންކަމުން ފުރަތަމަ އެކުލަވާލާ އިޢުލާންކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.

